ޙިޞާރު ފޫއަޅުވައިލަން މަސައްކަތްކުރަމުންދާ ގްލޯބަލް ޞުމޫދު ފްލޮޓިއްލާ (ޖީއެސްއެފް)ގެ އުޅަނދުތައް މިޞްރުގެ އައްސޭރިފަށުގައި އޮންނަ މަރްސާ މަޠްރޫޙްއާ ކައިރި ސަރަޙައްދަކަށް ފޯރައިފިއެވެ.
ޖީއެސްއެފުން މަޢުލޫމާތު ދީފައިވާ ގޮތުގައި ފްލޮޓިއްލާގެ މައި ދެ އުޅަނދު މިހާރު އޮތީ ޣައްޒާއާ 678 ކިލޯމީޓަރު ދުރުގައެވެ. އަދި ކުރިއަށް އޮތް 3 ނުވަތަ 4 ދުވަހުގެ ތެރޭގައި ޣައްޒާއާ ހަމައަށް ފޯރާނެ ކަމަށް ބެލެވެއެވެ. މި ވަގުތު ފްލޮޓިއްލާގައި ޖުމްލަ 44 އުޅަނދު ހިމެނެއެވެ.
ފްލޮޓިއްލާގައި ދަތުރުކުރާ ފަރާތްތަކުގެ ތެރޭގައި 44 ޤައުމަކަށް ނިސްބަތްވާ އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ އެކްޓިވިސްޓުންނާއި، ވިލާތުގެ ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި، އަދި ސްވިޑެންގެ މަޝްހޫރު އެކްޓިވިސްޓް ގްރިއެތަ ތުންބްރީ ހިމެނެއެވެ.
ޣައްޒާގެ ޙިޞާރު ފޫއަޅުވައިލުމާ ގުޅޭ ބައިނަލްއަޤްވާމީ ކޮމިޓީން ވަނީ ފްލޮޓިއްލާ ޣައްޒާއާ ކައިރިވަމުންދާ ވަރަކަށް ޔަހޫދީން ހަނގުރާމައިގެ ޖަރީމާއެއް ހިންގުމުގެ ބިރު އޮތް ކަމަށް ފާހަގަކޮށްފައެވެ. އަދި ޔަހޫދީން ވަނީ ފްލޮޓިއްލާގައި ހުރި އެހީގެ ސާމާނު އެ ފަރާތާ ޙަވާލުނުކުރާނަމަ ފްލޮޓިއްލާ ހުއްޓުވާނެ ކަމުގެ އިންޒާރު ދީފައެވެ.
އޮކްޓޯބަރު 7 އިން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 66،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އަދި ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން ދަނީ ވަރަށް ބޮޑަށް ހުރަސްއަޅަމުންނެވެ.
މީގެ ސަބަބުން ޣައްޒާގެ އާބާދީ ވަނީ ބަނޑަށްޖެހި ބަލިކަށިވެފައެވެ.



