ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ އެއް މެޗަށް ސަސްޕެންޑު ކޮށްފިއެވެ.
މިއީ މި މަހުގެ ކުރީކޮޅު ޗެމްޕިއަންސް ލީގުގައި ލިވަޕޫލްގެ އެންފީލްޑް ދަނޑުގައި ކުޅުނު މެޗެއްގައި ލިވަޕޫލްގެ ސަޕޯޓަރުންނާއެކު ޖެހުނު މައްސަލައަކާ ގުޅިގެން ޔޫއެފާއިން ނިންމި ނިންމުމެކެވެ.
އެ މެޗު ނިމުނީ 3-2 އިން ލިވަޕޫލް މޮޅުވެގެންނެވެ. މެޗުގެ އިތުރު ވަގުތުގައި ލިވަޕޫލްގެ ކެޕްޓަން ވާޖިލް ވެން ޑައިކް ޖެހި ލަނޑުން ލިވަޕޫލު މޮޅުވިއެވެ. މެޗަށްފަހު މަދު އަދަދެއްގެ ލިވަޕޫލް ސަޕޯޓަރުންތަކެއް އެޓްލެޓިކޯ މެޑްރިޑްގެ ކޯޗާ ދިމާކޮށްލުމުން، ކޯޗު ވަނީ އެ ސަޕޯޓަރުންނާ ޒުވާބުކޮށްފައެވެ.
މި ހާދިސާގައި ސިމިއޯނީ އެ ސަރަހައްދުން ދުރުކުރަން ޖެހުނު ނަމަވެސް، އޭނާ ދުރަށް ނުދިއުމުން ރެފްރީ ވަނީ ރަތް ކާޑު ދައްކައި މެޗުން ބޭރުކޮށްލާފައެވެ. މި ސަސްޕެންޝަނާ ގުޅިގެން މިރޭ ޗެމްޕިއަންސް ލީގުގައި އައިންޓްރަކް ފްރޭންކްފާޓްއާ ދެކޮޅަށް އެތުލެޓިކޯ މެޑްރިޑް ކުޅޭ މެޗުގައި ސިމިއޯނީއަށް ޓީމު ކޯޗުކޮށްދެވޭނެ ގޮތެއް ނުވާނެއެވެ.
ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 55 އަހަރުގެ ސިމިއޯނީ ވަނީ އޭނާގެ އަމަލުތަކާމެދު ހިތާމަކުރާ ކަމަށް ބުނެފައެވެ.
”ކޯޗުންނަކީ މުހިންމު ދައުރެއް އަދާކުރާ ބައެއް. އެހެންކަމުން މިއަދު ނަސްލީ ތަފާތުކުރުމާއި ސްޓޭޑިއަމްތަކުގައި ކުޅުންތެރިން ދެކޮޅަށް މަސައްކަތްކުރާ ފަދައިން، މުޅި މެޗު ތެރޭގައި ކޯޗުންނަށް ކުރާ އުނދަގުލާ ދެކޮޅަށްވެސް މަސައްކަތް ކުރަން އެބަ ޖެހޭ،“ ސިމިއޯނީ ބުންޏެވެ.
އޭނާ ފާހަގަކުރި ގޮތުގައި ކޯޗުންނަކީ އެފަދަ އަމަލުތައް ކުރުމުގެ ހައްގު އޮތް ބައެއް ނޫން ކަމަށާއި އެއީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.




