ރާއްޖޭގައި ފުޓުބޯޅަ ކުރިއެރުވުމަށް ސަރުކާރުގެ ހުރިހާ އެހީތެރިކަމެއް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ މިއަދު ހަވީރު ސިޓްރަން ރެސްޓޯރަންޓްގައި ގައުމީ ފުޓުބޯޅަ ޓީމާއެކު ބޭއްވި ހާއްސަ ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ރައީސްގެ އަރިހުގައި، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބުދުﷲ ރާފިއު، މިނިސްޓަރ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް، އިބްރާހީމް ވަހީދު އަދި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް، (އެފް.އޭ.އެމް) ގެ ރައީސް އަހުމަދު ތާރިގު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ގައުމީ ޓީމާއި ވާހަކަދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި އަންނަ ބުރާސްފަތި ދުވަހުގައި އޭޝިއަން ކަޕްގައި ކުޅުމަށް ޓީމް ކަޒަކިސްތާނަށް ދާއިރު އެފްއޭއެމުން ކޮށްދޭ ކަންތައްތަކުގެ އިތުރުން ސަރުކާރުގެ ފަރާތުން ބޭނުންވާ ހުރިހާ ކަމަކަށް އެއްބާރުލުން ދޭނެއެވެ. އަދި އެންމެ ފަހުން ލިބުނު ކާމިޔާބީއާ ގުޅިގެން ވަރަށް އުފާކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
”ކުޅުންތެރިންނަށް ބޭނުންވާ އެކިކަންކަމުގައިވެސް އަދި ކުރިޔަށް ދިޔުމުގައި އެހީތެރިކަން ދިނުމުގައިވެސް އަޅުގަނޑު ހަމަ ޔަގީނުންވެސް ވަރަށް ހައި ޕްރިޔޯރިޓީއެއް ދެން ފުޓްބޯޅައަށް. އެހެން ކުޅިވަރުތަކަށްވެސް ދެން އެކަމަކު އަޅުގަނޑު ވަރަށް ބޮޑަށް އިސްކަންދެން،“ ރައީސް ވިދާޅުވިއެވެ.
ކުރިއަށްއޮތް ތަނުގައިވެސް ރާއްޖެއަށް ރީތި ނަން ހޯއްދަވައިދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. އަދި ގައުމީ ޓީމު ކުރަމުން އަންނަ މަސައްކަތަށް ހިތްވަރުދެއްވައި، އަބަދުވެސް ގައުމީ ޓީމަށް ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.
ގަލޮޅު ދަނޑު ވަރަށް ބޮޑަށް ހަލާކުވެފައިވާކަން ފާހަގަކުރައްވަމުން، ރާއްޖޭގައި ރަނގަޅު ފެންވަރުގެ ނޭޝަނަލް ސްޓޭޑިއަމެއް މިހާރު ނެތްކަން ރައީސް ފާހަގަކުރެއްވިއެވެ.
އަދި ގައުމީ ފެންވަރުގެ ނޭޝަނަލް ސްޓޭޑިއަމެއްގެ ގޮތަށް ގަލޮޅު ދަނޑު ހެދުމުގެ މަސައްކަތްވެސް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
އޭޝިއަން ކަޕްގައި ރާއްޖެ ތަޖިކިސްތާނުގައި އެ ގައުމުގެ ގައުމީ ޓީމާ ދެކޮޅަށް އަންނަ ބުރާސްފަތި ދުވަހުގައި ކުޅެން ހަމަޖެހިފައިވާއިރު، އޭގެ ދެ ދުވަސް ފަހުން ކޮލިފައިންގައި ތަޖިކިސްތާނާ ދެކޮޅަށް ނުކުންނާނީ މާލޭގައެވެ.
ރާއްޖެ ހިމެނެނީ ތަޖިކިސްތާނުގެ އިތުރުން ޕިލިޕިންސާއި ޓިމޯ ލެސްޓޭއާ އެކު ކޮލިފައިންގެ ގުރޫޕް އޭގަ އެވެ.



