އިސްލާމްދީން ބާރުއަޅަނީ، ދޫރައްކާތެރިކުރުމަށާއި ހެޔޮބަސް ބުނުމަށް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
”މުއުމިނުންގެ ބަސްމަގު“ މި މައުޟޫއަށް މިއަދު ދިން ހުތުބާގައި ފާހަގަކުރި ގޮތުގައި މާތްﷲ އާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ، ބުނަންވާނީ ހެޔޮ ބަހެވެ.
އަދި އިންސާނުން ބުނާ ކޮންމެ ބަހަކާއި ކުރާ ކޮންމެ ޢަމަލެއް ލިޔެވި ރައްކާކުރެވޭކަމަށާއި، ޤިޔާމަތް ދުވަހުން އެ ތަކެތި އޭގެ އަހުލުވެރިޔާއަށް ދެއްކޭނެކަން ހުތުބާގައި ބުންޏެވެ.
ހުތުބާގައި އިތުރަށް ބުނިގޮތުގައި ސާބިތުނުވާ ދޮގުވާހަކަ ދެއްކުމަކީ އިސްލާމްދީން ނުހަނު ބޮޑަށް މަނާކުރާ ކަމެކެވެ. އަދި މީހަކު ދައްކާ ކޮންމެ ވާހަކައަކީ ތެދެއް ނޫންކަމަށާއި، އޭގެ މުރާދު ދެނެގަންނަން އެންމެންނަށް އެނގޭނެ ވާހަކައެއްވެސް ނޫންކަން ފާހަގަކުރެއްވިއެވެ.
ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. ”މާތް اللهއާއި އާޚިރަތްދުވަހަށް އީމާންވާމީހާ، ހެޔޮ ބަސް ބުނާހުށިކަމެވެ. ނޫން ނަމަ އޭނާ ހަނުހުންނަހުށިކަމެވެ.“ ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނިގޮތުގައި، ބައެއް މީހުން ކުށްހީއެއްގެ މައްޗަށް ބިނާކޮށް، ފާޑުފާޑުގެ ވާހަކަތައް ފަތުރައިއުޅެއެވެ. އޭގެ ތެރޭގައި މީހުން ބަދުނާމުވެ، އަބުރުގެއްލޭ ޒާތުގެ ވާހަކަ މަދެއްނޫނެވެ. މި ޒަމާނަކީ ވާހަކަތައް ފަތުރައިލާން ވަރަށް ފަސޭހަ ޒަމާނެކެވެ. މީސްމީޑީއާގެ މަންސަތައް މެދުވެރިކޮށް، ވާހަކައެއް ފަތުރައިލުމަށް މިއަދު ބޭނުންވަނީ ކުޑަ ހިނދުކޮޅެކެވެ. އެ ވާހަކައެއް ލިޔެ ފަތުރައިލުމަށް ފިތަކަށް އޮބައިލީމައި، އެ ވާހަކައެއް އެ އޮތީ މުޅި ދުނިޔެއަށް ޢާންމުވެފައެވެ. ހީއެއްގެ މައްޗަށް ބަހެއް ބުނެ، އޭގެ މައްޗަށް ޢަމަލުކުރުމަކީ، ތިބާ ފާފަވެރިވެދާނޭ ކަމެކެވެ.
މީހުން ފަތުރާ ވާހަކަތަކަކީ، ދޮގެއްތޯ ނުވަތަ ތެދެއްތޯ މީސްތަކުންނެއްނުބަލައެވެ. އޭގެ ބަދަލުގައި އެ މީހުން ބަލަނީ، އަވަހަށް އެ ވާހަކައެއް ފަތުރައިލެވޭތޯއެވެ. އެއީ ދޮގަކަށް ވެއްޖެ ނަމަ ނިކުމެދާނެ ހިތި ނަތީޖާއަކަށް އަދި އޭގެ ސަބަބުން މީހަކަށް ނުވަތަ ބަޔަކަށް ލިބިދާނެ ގެއްލުމަކަށް އަދި ތިމާއަށް ލިބިދާނެ ފާފައަކަށް ނުބަލައެވެ.
ދީނާއި މުޖުތަމަޢުގެ މަޞްލަޙަތު އެކުލެވޭ ވާހަކަތައް ކަންފަތަށް އިވުމުން، އެކަމާމެދު މަޞްލަޙަތުވެރިންގެ ލަފަޔާއި ރައުޔު ހޯދުމަށްފަހު ނޫނީ އެފަދަ ވާހަކަތައް ނުފެތުރުމަށް ހުތުބާގައި އިރުޝާދު ދެއްވިއެވެ.


