އެމްޑީޕީއަށް ސަރުކާރާއި މަޖިލިސް ލިބުނު ނަމަވެސް، ހޯދުނު އިންސާފެއް، އެޅި އިސްލާހީ ފިޔަވަޅެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީއިން މިއަދު ބާއްވަން އުޅޭ މުޒާހަރާ އާއި ގުޅިގެން ޖޭޕީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އެކްސްގައި ކުރެއްވި ޕޯސްޓެއް ހިއްސާކުރެއްވުމަށް ފަހު މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީން ކުރިން ތަންތަން ހުޅުޖަހައި، ޓޫރިޒަމް ބޮއިކޮޓް ކުރުމަށް ގޮވާލައި، އެފަދަ އެތައް ކަމަކަށް ހިތްވަރުދިން އިރު، އެކަން ކުރީ ”އިންސާފު“ ހޯދުމަށް ކަމަށް ބުނެ ކަމަށާއި، ކޮރަޕްޝަން ހުއްޓުވުމަށް ކަމަށް ބުނެ ކަމަށެވެ.
”ސަރުކާރު ދޭން އެދުނު، ސަރުކާރު ލިބުނު، މަޖިލިސްވެސް ލިބުނު، އެޖެންޑާ 19 އިން ތަފާތުވާނެ ކަމަށްވެސް ބުނި. އެކަމަކު ހޯދުނު އިންސާފެއް އެބައޮތްތޯ؟ އެޅި އިސްލާހީ ފިޔަވަޅެއް އެބައޮތްތޯ؟“ މިނިސްޓަރު ސުވާލު ކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، އިންސާފު ހޯދުމުގެ ބަދަލުގައި އެމްޑީޕީއިން ކުރިކަމަކީ، ސަރުކާރާއި ކުންފުނިތައް އަޑިނޭނގޭ ފުއްމިނަކަށް ގަންބާލުން ކަމަށާއި، ގެނައި ހުރިހާ އެއްޗަކީވެސް ދަރަނީގެ ރަންޒަމާނެއް ކަމަށެވެ.
އަދި އެ ދަރަނިން އުފެއްދި އާމްދަނީ ލިބޭ އެއްވެސް ކަމެއް ނެތް ކަމަށާއި، ދީފައިވަނީ ހަމައެކަނި ބަދަލު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.




