މާލޭގައި ވޮކޭޝަނަލް ތަމްރީން ދިނުމަށް އަމާޒުކޮށްގެން ސްކޫލެއް ހުޅުވުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
”މާލޭ ވޮކޭޝަނަލް ހައި ސްކޫލް (އެމްވީއެޗްއެސް)“ ގެ ނަމުގައި އަލަށް ހުޅުވާ މި ސްކޫލަށް ދަރިވަރުން ވެއްދުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ.
މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، މި ސްކޫލަށް އެޕްލިކޭޝަން ހުށަހެޅޭނީ މި މަހުގެ ދެވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށެވެ. ސްކޫލަށް ވަނުމުގެ މައިގަނޑު ޝަރުތުތަކަކީ 2024 ނުވަތަ 2025 ވަނަ ދިރާސީ އަހަރު ގްރޭޑް 10 ފުރިހަމަކޮށްފައިވުމާއި، 2024 ވަނަ އަހަރުގެ 31 ޑިސެންބަރަށް 18 އަހަރު ފުރިފައިނުވުމެވެ.
މި ސްކޫލާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ، މިއީ ގްރޭޑް 10 ނިންމާ ދަރިވަރުން މަތީ ސާނަވީ މަރުހަލާގައި އިތުރުކޮށް އުފެއްދުންތެރި، ހުނަރުވެރި ޒުވާނުން ބިނާކުރުމަށް ފަށާފައިވާ މަސައްކަތަށް ލިބުނު އިތުރު ފުރިހަމަކަމެއް ކަމަށެވެ.
މިނިސްޓަރު ހާމަކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، 2023 ވަނަ އަހަރާ އަޅާބަލާއިރު މަތީ ސާނަވީއަށް ކިޔަވަން ދާ ދަރިވަރުންގެ ނިސްބަތް 18 އިންސައްތަ އިތުރުވެފައިވެއެވެ. 2023 ގައި ގްރޭޑް 10 ނިންމި 6،700 ދަރިވަރުންގެ ތެރެއިން 2،100 ދަރިވަރުން މަތީ ސާނަވީއަށް ދިޔައިރު، މިހާރު ގްރޭޑް 10 ނިންމާ 6،500 ދަރިވަރުންގެ ތެރެއިން 3،200 ދަރިވަރުން މަތީ ސާނަވީގައި ކިޔަވަމުންދެއެވެ.
އަލަށް ހުޅުވޭ ވޮކޭޝަނަލް ހައި ސްކޫލުން ކިޔަވާ ނިންމާ ދަރިވަރުންނަށް ޑިޕްލޮމާ ނުވަތަ ޑިގްރީ ކޯހެއް ހެދުމަށް ޔުނިވަރސިޓީއަކަށް ދިއުމުގެ ނުވަތަ ސީދާ ވަޒީފާއަކަށް ދިއުމުގެ ފުރުސަތު އޮންނާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ދަރިވަރުންނަށް ޖާގަ ހަމަޖެހިފައިވާކަން މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އަންގަމުންދާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.



