މާލޭ އުސްފަސްގަނޑުގައި ތަރައްގީ ކުރާ ސްކޭޓް އެރީނާ އާ އެކު އެ ކުޅިވަރުން ކުރިއަށް ދިޔުމަށް ދިވެހި ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ފަހިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އުސްފަސްގަނޑު ސަރަހައްދުގައި ޤާއިމްކުރެވޭ ދާއިމީ ސްކޭޓިން އެރީނާއަކީ ކުޅިވަރާއި އިޖުތިމާޢީ ގޮތުން ގިނަ މަންފާތަކެއް ލިބޭނެ މުހިންމު މަޝްރޫޢުއެއް ކަމަށެވެ.
”މި އެރީނާގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ކުރިއަރަމުން އަންނަ ސްކޭޓްގެ ކުޅިވަރުން ކުރިއަށް ދިޔުމަށް ދިވެހި ޒުވާނުންނަށް ގިނަ ފުރުސަތުތައް އިރާދަކުރެއްވިއްޔާ ފަހިވެގެންދާނެ،“ ރައީސް ވިދާޅުވި އެވެ.
އުސްފަސްގަނޑުގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި، ރޯލާ ސްކޭޓިން ޓްރެކް އަދި ސްކޭޓް ބޯޑް ޕާކުގެ ބިންގާ އަޅުއްވައިދެއްވީ ސްޕޯޓްސް މިނިސްޓަރު އަބުދުﷲ ރާފިޢު އެވެ.



