އެމްޑީޕީގެ ލީޑަރޝިޕް ބަދަލު ނުކޮށް ކިތަންމެ ވަރަކަށް ފުމުނަސް، ޖަހާ ކުޅުގަނޑު ވެއްޓޭނީ ގަޔަށް ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.
ރޭ މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައި އެމްޑީޕީން ބޭއްވި“ ލޫޓުވައިފި“ މުޒާހަރާއާ ގުޅިގެން އެކްސްގައި ފަލާހު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މުޒާހަރާއަށް ރަށްރަށުން ގެނައި ގިނަ ބަޔަކު އަދިވެސް ތިބީ ދަތުރު ހަމަނުޖެހި ކަމަށެވެ.
އަދި އެ ފަރާތްތަކުގެ ތެރެއިން އެއްވެސް މީހަކު އެމްޑީޕީގެ މިފަދަ މަޅީގައި ދެން ނުޖެހޭނެ ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.
”އިމްރާނަށް އެކަނި ބޭންކޮކް 2 ކޮޅު ޓިކެޓާއި 50 ހާސް ޑޮލަރު ދިނަސް ކަމަކު ނުދާނެ. ރަށްރަށުން ގެންދިޔަ ރައްޔިތުން ވެސް ގެންދިޔަ ފަސްގަނޑަށް. ކުޑަމިނުން އެއްޗެއް ނުދިނަސް ފޮނުވާލަ ދޭންވާނެ،“ފަލާހު ވިދާޅުވިއެވެ.
ފަލާހު އިތުރަށް ވިދާޅުވީ، އެމްޑީޕީގައި ތިބި އޭނާގެ ރައްޓެހިންގެ ތެރެއިން ރޭގެ މުޒާހަރާއަށް ގެންދިޔަ 10 ވަރަކަށް މީހުން ގުޅައި، ވަރަށް ދެރަވެފައި އެ ވާހަކަ ދެއްކި ކަމަށެވެ.
ރޭގެ މުޒާހަރާގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ސަބަބުން 8 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ސުލްހަވެރި އެއްވުމެއް ކަމުގައި ބުނި ނަމަވެސް، މުޒާހަރާގެ ބައެއް ބައިވެރިން ވަނީ ފުލުހުންނާ ދިމާލަށް ގަލާއި ހުސްފުޅި އުކާފައި ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ބުނީ، އަމުރަށް ނުކިޔަމަންތެރިވެ، މާލެ ތެރެ ހަލަބޮލިކޮށްލި އެ އެއްވުން ރޭވުމުގައި ހިމެނޭ އެންމެންނަށް ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށެވެ.



