ސުލްހަވެރި އިހްތިޖާޖެއްގެ ނަމުގައި އެމްޑީޕީން ރޭ ކުރިއަށް ގެންދިޔަ ހަރަކާތަކީ ގައުމުގެ ސުލްހަމަސަލަސްކަން ނަގާލައި، ހަލަބޮލިކުރުމަށް ހިންގި ނިރުބަވެރި ހަރަކާތެއް ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް ވިދާޅުވި ގޮތުގައި މިއީ ރައްޔިތުންގެ ބާރާއި، ޚިޔާލުފާޅުކުރުމުގެ ހައްގުގެ ނިވަލުގައި، ގާނޫނުއަސާސީއާއި ގާނޫނު ހުއްދަކުރާ ހަމަތައް ގިރާކޮށް، ގާނޫނީ ވެރިކަމަކާ ދެކޮޅަށް ރޭވިގެން ހިންގުނު ނިރުބަވެރި ހަރަކާތެކެވެ.
އަދި އެތައް ރައްޔިތުންނެއް އެއްތަނަކަށް ޖަމާކޮށް ފުލުހުންގެ އެއްބާރުލުމާއެކު ކުރިއަށް ގެންދިޔުމަށް ހުއްދަދީފައިވާ ހަރަކާތެއް ހަލަބޮލިކޮށް، ފުލުހުންގެ އެންގުމާ ޚިލާފަށް އަނބުރާލައި، ރައްޔިތުން ނުރައްކަލަށް ހުށަހެޅުމަކީ އެމްޑީޕީގެ ލީޑަރޝިޕުން ގަސްދުގައި ހިންގި ފިނޑި އަމަލެއް ކަމުގައި ވެސް ނައިބު ރައީސް ވިދާޅުވިއެވެ.
ރޭ މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައި އެމްޑީޕީން ބޭއްވި ”ލޫޓުވައިފި“ މުޒާހަރާގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ސަބަބުން 8 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ސުލްހަވެރި އެއްވުމެއް ކަމުގައި ބުނި ނަމަވެސް، މުޒާހަރާގެ ބައެއް ބައިވެރިން ވަނީ ފުލުހުންނާ ދިމާލަށް ގަލާއި ހުސްފުޅި އުކާފައި ކަމަށް ފުލުހުން ބުންޏެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވީ މިއީ އެމްޑީޕީން ވަކާލާތުކުރަމުންދާ އަސާސްތައް ނެގެހެއްޓުމުގައި އެ ޕާޓީ މިއަދު ފެއިލްވެފައިވާ ކަމުގެ ހެއްކެއް ކަމަށެވެ.
އަދި މި ހަރަކާތް ރޫޅާލައި، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށް ގައުމުގެ މަސްލަހަތު ހިމާޔަތްކުރުމުގައި ފުލުހުން ދެއްކި ހިތްވަރާއި ސާބިތުކަމަށް އިޚްލާސްތެރި ކަމާއެކު ޝުކުރު ދަންނަވާ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.
ފުލުހުން ބުނީ ރޭގެ މުޒާހަރާގައި އަމުރަށް ނުކިޔަމަންތެރިވެ، މާލެ ތެރެ ހަލަބޮލިކޮށް އެކަން ރޭވުމުގައި ހިމެނޭ އެންމެންނަށް ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށެވެ.



