އެމްޑީޕީން ރޭ މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ތިން ފުލުހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިރޭ މީޑީއާތަކަށް ފުނުވި މެސެޖެއްގައި ބުނީ، އަނިޔާވި ފުލުހުންގެ ތެރޭގައި އަންހެން ފުލުހަކާއި ފިރިހެން ދެ ފުލުހުން ހިމެނޭ ކަމަށެވެ.
ފުލުހުން ބުނިގޮތުގައި އަންހެން ފުލުހަށް އަނިޔާވެފައިވަނީ ޝީލްޑާއެކު ވެއްޓުމުން މުޒާހަރާގެ ބައިވެރިން އޭނާގެ ގައިމަތިން ހިނގުމުގެ ސަބަބުންނެވެ. އަދި ފިރިހެން ފުލުހުންގެ ތެރެއިން އެކަކަށް އަނިޔާވެފައިވަނީ ބެރިކޭޑުން ޖެހުމުގެ ސަބަބުން ކަމަށާއި، އަނެއް ފުލުސް މީހާއަށް އަނިޔާވެފައިވަނީ މުޒާހަރާގެ ބައިވެރިން ޝީލްޑްތަކުގައި ޖެހުމުގެ ސަބަބުންނެވެ.
އަނިޔާވި ފުލުހުންނަށް ފަރުވާދިނުމަށް ސެނެހިޔާ އަދި އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މިގޮތުން ދެ ފުލުހަކަށް ސެނެހިޔާ ހޮސްޕިޓަލުގައި ފަރުވާދީފައިވާއިރު، އަނެއް ފުލުހަށް ފަރުވާދީފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ.
ރޭ އާޓިފިޝަލް ބީޗުގައި އެންޑީޕީއިން ކުރިއަށް ގެންދިއަ މުޒާރާއާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި މުޒާހަރާ ހުއްޓުވާލީ ކުރިން ހުއްދަ ދެވިފައިވާ ރޫޓާ ހިލާފަށް މުޒާހަރާގެ ބައިވެރިން ދިއުމުން ކަމަށެވެ.
އަދި ފުލުހުންނާ ދިމާއަށް ގަލާއި ފުޅި އުކައި، ފުލުހުންގެ އާލާތްތައް އަތުލަން މަސައްކަތްކޮށް، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.


