މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބުގައި ވާދަކުރުމަށް ކުރިމަތިލުމުގެ މުއްދަތު މިއަދު މެންދުރުފަހު 2:00 އަށް ހަމަވިއިރު، ޖުމްލަ 6 ފަރާތަކުންލ ކުރިމަތިލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނިގޮތުގައި ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުންގެ މަޤާމަށް 4 ފަރާތަކުން ކުރިމަތިލާފައިވާއިރު، އޭގެ ތެރެއިން 3 ފަރާތެއްގެ ކެންޑިޑަސީ ވަނީ ޤަބޫލުކޮށްފައެވެ. ނަމަވެސް، މި 3 ފަރާތުގެ ތެރެއިން އެއް ފަރާތުން ވަނީ ނަން އަނބުރާ ގެންދިއުމަށް އެދިފައެވެ.
އެހެނިހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުންގެ މަޤާމަށް 2 ފަރާތަކުން ކުރިމަތިލާފައިވާއިރު، އޭގެ ތެރެއިން އެންމެ ފަރާތެއްގެ ކެންޑިޑަސީ ވަނީ ޤަބޫލުކޮށްފައެވެ.
މި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.
މީޑިއާ ކޮމިޝަނަކީ އަލަށް އަމަލުކުރަން ފެށި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ކޮމިޝަނެކެވެ. މި ކޮމިޝަން އެކުލެވިގެންވަނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 މެންބަރުންނާއި މީޑިއާތަކުން އިންތިޚާބުކުރާ 4 މެންބަރުންގެ މައްޗަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނިގޮތުގައި، މި އިންތިޚާބުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށް މާލެ ސިޓީގައެވެ.



