ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ގެދޮރުވެރިޔާ ސްކީމްގެ 4،000 ފްލެޓަށް މިހާތަނަށް 1،273 މީހުން ސެކިއުރިޓީ ޑިޕޮސިޓް ދައްކާފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ހާމަކޮށްފިއެވެ.
އެފްޑީސީން މައުލޫމާތު ދިން ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެޑްވާންސް ޑިޕޮސިޓް ފައިސާ ދެއްކުމަށް އަންގާފައިވަނީ 1،731 މީހުންނަށެވެ.
ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މިހާތަނަށް 3،140 މީހުން އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން ދޫކުރަމުންދާ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ކުލީގެ ގޮތުގައި ކަނޑައަޅާފައިވަނީ 7،000 ރުފިޔާއެވެ. އަދި މެއިންޓެނަންސް ފީގެ ގޮތުގައި 1،000 ރުފިޔާ އާއި ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 15،000 ރުފިޔާ ދައްކަން ޖެހެއެވެ. ތިން ކޮޓަރީގެ ފްލެޓްތަކުގެ ކުލީގެ ގޮތުގައި ކަނޑައަޅާފައިވަނީ 9،500 ރުފިޔާ އެވެ. މީގެ އިތުރުން މެއިންޓެނަންސް ފީގެ ގޮތުގައި 1،500 ރުފިޔާ އަދި ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 25،000 ރުފިޔާ ދައްކަން ޖެހެއެވެ.
ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ފެށިފައިވަނީ އަމާން އުދަރެސްގެ 14 ވަނަ ޓަވަރުންނެވެ. ފްލެޓްތައް ހަވާލުކުރަމުން ދަނީ ޒޯންތަކަކަށް ބަހާލައިގެންނެވެ. އަދި ތަޅުދަނޑި ހަވާލުކުރުމުގެ ޝެޑިއުލް ހަމަޖައްސަނީ އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށެވެ.
އެފްޑީސީން ބުނެފައިވާ ގޮތުގައި މި ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމުމަށް ވަނީ ރޭވިފައެވެ.
މި މަޝްރޫޢަކީ އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ވަކިވަކިން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.



