ކުރިއަށް އޮތް ދުވަސްތަކުގައި ޣައްޒާގައި ރަހީނުކޮށްފައިވާ މީހުން ދޫކޮށްލާނެ ކަމަށް އިއުލާންކުރާނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.
”ހަމާސް ހަތިޔާރު ނައްތާލައި ޣައްޒާ ޑިމިލިޓަރައިޒް ކުރާނެ. ފަސޭހަ ގޮތަކުން ވިޔަސް ނުވަތަ ބުރަ މަގުން ވިޔަސް އެކަން ހާސިލް ކުރެވޭނެ“ ޓީވީ މެދުވެރިކޮށް ނެރުނު ބަޔާނެއްގައި އޭނާ ބުނެފައިވެއެވެ.
މި ބަޔާން ނެރުނީ އެމެރިކާގެ ސުލްހައިގެ ޕްލޭނެއްގެ ދަށުން ރަހީނުކޮށްފައިވާ މީހުން މިނިވަން ކުރަން ހަމާސްއިން އެއްބަސްވި ނަމަވެސް، އެ ޕްލޭނުގައިވާ ހަތިޔާރު ނައްތާލުމުގެ ޝަރުތުތައް އިންކާރުކޮށް، އެހެން މައްސަލަތަކުގައި މަޝްވަރާ ކުރުމަށް ހަމާސްއިން ހުކުރު ދުވަހު ނެރުނު ބަޔާނަކާ ގުޅިގެންނެވެ.
އިސްރާއީލުން ޣައްޒާއަށް ހަމަލާތަކެއް ދިނުމަށްފަހު، ”ގަތުލު އާންމުތައް“ ހިންގަމުންދާ ކަމަށް ބުނެ، އެކަމުގެ ސަބަބުން އިސްރާއީލަށް ދުނިޔޭގެ ފަރާތުން ޕްރެޝަރު އިތުރުކުރުމަށް ހަމާސްއިން އިލްތިމާސްކޮށްފައިވެއެވެ.
އެމެރިކާއިން ހުށަހަޅާފައިވާ ސުލްހައިގެ ޕްލޭނުގައި 21 ނުކުތާ ހިމެނޭއިރު، މީގެ ތެރޭގައި ހުރިހާ ރަހީނުން ދޫކޮށްލުމާއި، ހަމާސް ވެރިކަމުން ދުރުކުރުމާ ހަމައަށް ކަންތައްތައް ހިންގާނެ ގޮތް ވަނީ ކަނޑައަޅާފައެވެ.
އެމެރިކާގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޯފް ހުށަހެޅި މި ޕްލޭނުގައި ފަލަސްތީނު ރައްޔިތުންނާއި ޣައްޒާ ސިޓީއާ އެއްކޮޅަށް ނިންމުންތައް ނިންމާފައިވީ ނަމަވެސް، އިސްރާއީލުން ގިނަ ދުވަސްތަކެއް ވަންދެން ޑިމާންޑްކުރި ކަންތައްތައް ވެސް ހިމަނާފައިވެއެވެ.
ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމަކަށް އައުމަށް ހަމާސްއިން ލަސްކުރާނަމަ، އެކަން ތަހައްމަލު ނުކުރާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިންޒާރު ދީފައެވެ.
މި ޕްލޭނުގެ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި ހަމާސްއިން ހަތިޔާރު ނައްތާލުމަށް ވައުދުވުމާއި، ޣައްޒާގެ ޑިމިލިޓަރައިޒޭޝަނާއި، އާބާދީގެ ”ހަރުކަށިކަން“ ނެތިކޮށްލުމުގެ ނިޒާމެއް ގާއިމްކުރުން ހިމެނެއެވެ.




