އިނގިރޭސިވިލާތުގައި ސިލްސިލާކޮށް، އެއް ސަރަޙައްދަކަށް އެއްވެ ކުރާ މުޒާހަރާތައް ހުއްޓުވުމަށް ފުލުހުންނަށް އިތުރު ބާރުތަކެއް ދީފައިވާ ކަމަށް އެ ޤައުމުގެ ސަރުކާރުން މިއަދު ހާމަކޮށްފިއެވެ.
މި ނިންމުން ނިންމާފައިވަނީ ޔަހޫދީންގެ ފައްޅިއަކަށް ދިން ޙަމަލާއާ ގުޅިގެން، ފަލަސްޠީނުގެ ޣައްޒާގައި ހިނގަމުންދާ ޤަތުލުއާއްމާ ދެކޮޅަށް ރޭވި މުޒާހަރާއެއް ފަސްކުރުމަށް ސަރުކާރުން ކުރި އިލްތިމާސްތަކަށް އިޖާބަ ނުލިބުމާ ގުޅިގެންނެވެ.
އިނގިރޭސިވިލާތުގެ ދާޚިލީ ވަޒީރު ޝަބާނާ މަޙްމޫދު ވިދާޅުވި ގޮތުގައި، އެއްވެ އުޅުމުގެ ޙައްޤަކީ ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ޙައްޤެއް ނަމަވެސް، އާންމު ރައްޔިތުންގެ ހިތުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދޭ ގޮތަށް މުޒާހަރާކުރުމުގެ ފުރުޞަތު ނުދެވޭނެއެވެ. އަދި ކުރިން ބޭއްވި މުޒާހަރާތަކުގައި ނުކުތް ނަތީޖާ އާއި މުޖުތަމަޢުއަށް ކުރި ނޭދެވޭ އަސަރު ވަޒަންކުރުމަށްފަހު މި ނިންމުން ނިންމާފައިވާ ކަމަށް ދާޚިލީ ވުޒާރާއިން ބުނެފައިވެއެވެ.
ފަލަސްޠީނުގެ ހައްޤުގައި ވަކާލާތުކުރާ ފަލަސްޠީނިއަން އެކްޝަން ޖަމްޢިއްޔާ، ނިރުބަވެރިކަމާ ގުޅޭ ޤާނޫނެއްގެ ދަށުން އެ ޤައުމުގައި މަނާ ކުރުމާ ގުޅިގެން އިއްޔެ ބޭއްވި އިހުތިޖާޖީ އެއްވުމުގައި 500 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.
މުޒާހަރާތައް ހުއްޓުވުމަށް ފުލުހުންނަށް އިތުރު ބާރުތަކެއް ދިނުމާމެދު މުޒާހަރާ އިންތިޒާމްކުރި ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ އަސާސީ ޙައްޤަށް ދިން ނުރައްކާތެރި ޙަމަލާއެކެވެ.




