ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަރުގެ އިހުލާސްތެރި ވެރިޔަކު އަދި ފެނިފައި ނުވާ ކަމަށް މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު އދ. ފެންފުށީ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، ގާނޫނު އަސާސީ ބަދަލުވެގެން ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ރައީސް މުޢިއްޒު ފިޔަވައި މިފަދަ ހިތްވަރަކާއި، އަޒުމަކާއި އަދި އިހުލާސްތެރި ނިޔަތަކާއެކު މަސައްކަތް ކުރެއްވި އެހެން ވެރިއަކު ފެނިވަޑައިނުގަންނަވާ ކަމަށެވެ.
”މަނިކުފާނު ހަވާލުވެވަޑައިގެންނެވި ފަހުން މި ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، އެ ހިތްވަރާއި އަޒުމަކާ އެކީގައި، އިހުލާސްތެރި ނިޔަތެއް އޮވެގެން ކުރިއަށް މަސައްކަތް ކުރައްވަމުން ގެންދަވާ އަދި އެއްވެސް ވެރިއަކު ގައިމު ވެސް އަޅުގަނޑު ނުދެކެން،“ ގާސިމް ވިދާޅުވިއެވެ.
އަދި ގާސިމް ވިދާޅުވީ މިއީ ރައީސްއަށް ހުޝާމަދު ކުރެއްވުމުގެ ގޮތުން ދައްކަވާ ވާހަކަފުޅުތަކެއް ނޫން ކަމަށާއި، މިއީ އެމަނިކުފާނުގެ ހިތުގެ އަޑިން ގަބޫލުފުޅު ކުރައްވާ ކަންތައްތަކެއްގެ ވާހަކަ ކަމުގައެވެ.
މީގެއިތުރުން ގާސިމް ވަނީ އދ. ފެންފުއްޓަށް ވަޑައިގެން އެ ރަށުގައި ގިނަ މަޝްރޫޢުތަކެއް ސަރުކާރުން ފައްޓަވާފައިވާތީ، އެކަމަށް ޓަކައި ވެސް ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.



