އދ. ފެންފުށީ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށް ހިންގާ މަޝްރޫޢު އަންނަ ދިރާސީ އަހަރު ފެށުމުގެ ކުރިން ނިންމަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިފަދައިން އެމަނިކުފާނު ވިދާޅުވީ، މިއަދު ހަވީރު ފެންފުށީ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައެވެ.
ރައީސް ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ މި ދަތުރުފުޅުގައި ފެންފުށީގައި ފައްޓަވާފައިވާ މަޝްރޫޢުތަކަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާނެ މަޝްރޫޢުތަކެކެވެ. އަދި މި މަޝްރޫޢުތަކާއެކު ފެންފުއްޓަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސްކޫލްގެ މަޝްރޫޢުގެ އިތުރުން، ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޑިޒައިނަށް ބަދަލުތަކެއް ގެނެސް ރައްޔިތުން ބޭނުންވާ ގޮތަށް އެ މަޝްރޫޢު ހިންގަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، އެ ރަށުގައި އަލަށް އިމާރާތްކުރާ މިސްކިތުގެ މަޝްރޫޢުގެ ދަށުން ހިނަވާގެއެއްވެސް ޤާއިމްކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި ޕްރޮޖެކްޓް ސްކޯޕަށް ބަދަލުތަކެއް ގެނެސް ރައްޔިތުން އެދޭ ފެންވަރަށް ތަނުގެ ޚިދުމަތްތައް ފުޅާކޮށްދެއްވޭނެ،“ ރައީސް ވިދާޅުވިއެވެ.
ސިއްޙީ ދާއިރާއަށް ބަލާއިރު، ސިއްޙީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކޮށް، އައު ޚިދުމަތްތައް ޤާއިމްކުރެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ކުޅިވަރުގެ ދާއިރާއިން، އެ ރަށުގައި ދުވާ ޓްރެކެއް ޤާއިމްކުރުމާއި ފުޓުބޯޅަ ދަނޑުގައި ރޭގަނޑު ކުޅެވޭނެހެން ލައިޓް ޤާއިމްކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
1200 އަށްވުރެ ގިނަ އާބާދީއެއް ދިރިއުޅޭ ފެންފުށީގައި ހުއްޓިފައިވާ ނަރުދަމާގެ މަޝްރޫޢާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިފަދަ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތްކުރައްވަމުންދާ ކަމަށެވެ.
އަދި ހުއްޓިފައިވާ މަޝްރޫޢުތަކުގެ އެއްބަސްވުންތައް ބާޠިލުކޮށް، އަލުން އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މަސައްކަތްކުރައްވަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.




