ފްރާންސްގެ އައު ވަޒީރުންގެ މަޖިލީހަކާއެކު ސަރުކާރު އެކުލަވާލިތާ އެންމެ 14 ގަޑިއިރުގެ ތެރޭގައި، އެ ގައުމުގެ ބޮޑުވަޒީރު ސަބޭސްޝަން ލެކޯނޫ އިސްތިއުފާ ދެއްވައިފިއެވެ.
ލެކޯނޫ އިސްތިއުފާ ދެއްވީ ސަރުކާރު ވައްޓާލާނެކަމަށް ސިޔާސީ ވާދަވެރިންނާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން އިންޒާރު ދެމުންދިޔުމާ ގުޅިގެންނެވެ.
ރައީސް އެމަނުއަލް މެޚްރޮންގެ އަރިސް ބޭފުޅެއް ކަމަށްވާ ލެކޯނޫ ބޮޑުވަޒީރުގެ މަގާމަށް އައްޔަނުކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. އެހެންނަމަވެސް، ވަޒީރުންގެ މަޖިލީހަށް އައްޔަނުކުރި ގިނަ ބޭފުޅުންނާމެދު ސިޔާސީ ފަރާތްތަކުން ހިތްހަމަނުޖެހުމާ ގުޅިގެން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭނެ ޖާގައެއް ނެތްކަމަށް ވިދާޅުވެ އިސްތިއުފާ ދެއްވާފައިވެއެވެ.
ލެކޯނޫގެ އިސްތިއުފާއާ ގުޅިގެން، އިދިކޮޅު ޕާޓީތަކުން ވަނީ ރައީސް މެޚްރޮން ވެސް އިސްތިއުފާ ދެއްވުމަށް ނުވަތަ ގާނޫނު ހަދާ މަޖިލީހުގެ އަވަސް އިންތިޚާބެއް ބޭއްވުމަށް ގޮވާލާފައެވެ.
ލެކޯނޫއަކީ ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މެޚްރޮން ބޮޑުވަޒީރުކަމަށް އައްޔަނުކުރެއްވި ފަސްވަނަ ބޭފުޅާއެވެ.
މި ސިޔާސީ ހަލަބޮލިކަމާ ގުޅިގެން އިންވެސްޓަރުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތައް އުފެދިފައެވެ. ޚާއްސަކޮށް ސަރުކާރުގެ ސޮވެރެން ބޮންޑާއި ސްޓޮކް ގަނެފައިވާ އިންވެސްޓަރުންގެ މެދުގައި އޮތް ކަންބޮޑުވުން އިތުރުވެފައިވާ“ ކަމަށް މާލީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.
ފްރާންސަށް މިހެން ދިމާވީ ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި ކަމަށްވުމާއެކު، މިއީ އެ ގައުމުގެ އިގްތިސާދަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެކެވެ.




