ވަކިވަކި ފުލުހުންނާއި ފުލުހުންގެ އާއިލާތަކުގެ ޒާތީ މައުލޫމާތު އާންމުކުރާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނުގައި ބުނީ، މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި އެމްޑީޕީގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވި އެއްވުން ހުއްޓުވައި އަމަން ގާއިމުކުރުމަށް މަސައްކަތްކުރި ފުލުހުންނާއި އެފުލުހުންގެ އާއިލާގެ ބައެއް ފަރާތްތަކުގެ ޒާތީ މަޢުލޫމާތު ސޯޝަލްމީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އާންމުކުރަމުންދާ ކަމަށެވެ.
އަދި ގާނޫނު ތަންފީޒުކުރާ އިދާރާގެ މުވައްޒަފެއްގެ ރަސްމީ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ގޮތުން، އެ އޮފިސަރަކަށް ނިސްބަތްކޮށް، އާންމު ރައްޔިތުންގެ މެދުގައި ވަކިވަކި އޮފިސަރުންނާއި އެ އޮފިސަރުންގެ އާއިލާއަށް ނަފްރަތު އުފެދޭ ގޮތަށް ނުވަތަ އެ އޮފިސަރެއްގެ އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރުކުރާ ގޮތަށް އަދި ބިރުދެއްކުމުގެ އެއްވެސް އަމަލެއް ހިންގައިފިނަމަ، އެފަދަ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން އެ ބަޔާނުގައި ބުނެފައިވެއެވެ.
”ފުލުސް އޮފިސަރުންގެ ރަސްމީ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ގޮތުން ހުއްދަނޫން އެއްވެސް އަމަލެއް ކޮށްފިނަމަ، އެ އަމަލަކާމެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ,“ ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން ގާނޫނު ހިންގުމަށް ހުރަސް އެޅުމަށް ކުރާ އަމަލަކީ، މާއްދީގޮތުން ހުއްޓުވައިގެން ނުވަތަ އެނޫން ގޮތަކުން ހުރަސްތަކެއް ކުރިމަތިކުރުވައިގެން ކުރާ އަމަލެއް ކަމުގައިވިޔަސް، އެއީ ގާނޫނީގޮތުން ފިޔަވަޅު އެޅޭނެ ކަމެއްކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.



