އދ. މާމިގިލީގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކެމްޕަހެއް ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ މިއަދު ހަވާލުކޮށްފިއެވެ.
މި މަސައްކަތް ކުރުމަށް އެކުންފުންޏަ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، އދ. އަތޮޅަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު މާމިގިލީގައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި އިސްލާމިކް ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޡީމެވެ.
އައިޔޫއެމްއިން ބުނިގޮތުގައި، މި ކެމްޕަހުގައި އިދާރީ އޮފީހަކާއި، ލައިބްރަރީއަކާއި، 5 ކްލާސްރޫމާއި، މަލްޓިޕަރޕަސް ސެމިނަރ ހޯލެއް ހިމެނޭނެއެވެ. މީގެ އިތުރުން މުވައްޒަފުންގެ އެކަމަޑޭޝަން ބްލޮކެއްގެ އިތުރުން ދަރިވަރުންގެ ދަނާލަކާއި، ރެކްރިއޭޝަން ފެސިލިޓީއަކާއި ކެންޓީނެއްވެސް ތަރައްޤީކުރެވޭނެއެވެ.
މި މަޝްރޫޢަކީ މިއަހަރުގެ ދައުލަތުގެ ބަޖެޓުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގައި ހިމެނިފައިވާ މަޝްރޫޢެކެވެ. މި ކެމްޕަސް އިމާރާތްކުރުމަށް މާމިގިލީ ކައުންސިލުން ވަނީ 22,000 އަކަފޫޓުގެ ބިމެއް އައިޔޫއެމްއަށް ދޫކޮށްފައެވެ.
އައިޔޫއެމްއިން ބުނީ، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަތީ ތަޢުލީމުގެ ކެމްޕަސްތައް ގާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ތަޞައްވުރު ހަގީގަތަކަށް ހެދުމަށް ފެށޭ މުހިންމު މަސައްކަތެއް ކަމަށެވެ.
މިހާރުވެސް މާމިގިލީގައި އައިޔޫއެމްއިން ވަނީ ޤުރުއާނާއި ޓީޗަރ ޓްރެއިނިންގގެ ދާއިރާއިން ބެޗްލަރސް ޑިގްރީ އަދި ސެޓްފިކެޓް ލެވެލްގެ ކޯސްތައް ހިންގަމުންނެވެ.




