ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އައު ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން ގަލްފް އެއާރ އަށް ހިދުމަތް ދޭން ފަށައިފިއެވެ.
ޓާމިނަލް 1 އިން ގަލްފް އެއާރ އަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.
އެމްއޭސީއެލް އިން ބުނީ، މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ޗެއާޕާސަން، އަބްދުالله ގިޔާސް ކަމަށެވެ.

މި ރަސްމިއްޔާތުގައި ގަލްފް އެއާރ އިން ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ ފްލައިޓުން ދަތުރުކުރި 77 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ.
އަދި ޓާމިނަލް 1 އަށް ކައިރި ކުރި ގަލްފް އެއާރގެ ފުރަތަމަ މަތިންދާބޯޓު، GF145 އަށް މަރުހަބާ ކިއުމުގެ ގޮތުން ހާއްސަ ވޯޓާ ސެލިއުޓެއް އަރުވައި، އެ ފްލައިޓުން ރާއްޖެ އައި 18 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައި ކަމަށްވެސް އެމްއޭސީއެލުން ބުނެފައިވެއެވެ.

ގަލްފް އެއާރއަކީ ބަހްރެއިންގެ ގައުމީ އެއާރލައިނެވެ. އެ އެއާރލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 27 އޮކްޓޫބަރު 2019 ގައެވެ. ގަލްފް އެއާރ އިން ބަހްރެއިން އާއި ރާއްޖެއާ ދެމެދު ދުވާލަކު އެއް ފްލައިޓް އަދި ރާއްޖެއާއި ލަންކާއާ ދެމެދު ވެސް ދުވާލަކު އެއް ފްލައިޓް ބާއްވާކަމަށް އެމްއޭސީއެލުން ފާހަގަކޮށްފައިވެއެވެ.
ގަލްފް އެއާރއަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި 9 ވަނަ އެއާރލައިނެވެ. އަދި ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި މެދުއިރުމަތީގެ ދެވަނަ އެއާރލައިނެވެ.
ޓާމިނަލް 1 އިން މިހާރު ހިދުމަތް ދޭ އެއާރލައިންތަކަކީ މޯލްޑިވިއަން، އެއާރ އަރަބިއާ، ބިއޯންޑް، ފިޓްސް އެއާރގެ އިތުރުން ބެއިޖިންގް ކެޕިޓަލް އެއާރލައިންސް، ބަޓިކް އެއާރ، ބެންކޮކް އެއާރވޭސް އަދި އިންޑިގޯއެވެ.
މި ރަސްމިއްޔާތުގައި ގަލްފް އެއާރގެ އެއަރޕޯޓް މެނޭޖަރު މުހައްމަދު އަރުޝަދު މުހައްމަދު ނަވާސް، އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް، އެމްއޭސީއެލް އާއި ގަލްފް އެއާރގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންފައިވާ ކަމުގައި އެމްއޭސީއެލުން ވަނީ ބުނެފައެވެ.

އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާރލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުންކަމަށް އެކުންފުނިން ބުނެފައިވެއެވެ.



