ގެދޮރުވެރިޔާ ސްކީމުން ފްލެޓުލިބި މިހާތަނަށް ގުރުއަތުގައި ބައިވެރިވެފައިނުވާ ފަރާތްތަކުގެ ގުރުއަތުނެގުން މާދަމާ ބޭއްވުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ނިންމައިފިއެވެ.
މި ގުރުއަތު ނެގުމަށް ހަމަޖެހިފައިވަނީ މާދަމާ 15:00 އިން ފެށިގެން ކޮންސްޓްރަކްޝަން މިނިސްޓްރީގައެވެ.
މިނިސްޓްރީން ބުނިގޮތުގައި، މި ގުރުއަތުގައި ބައިވެރިވާނީ 73 އިން ފެށިގެން މަތިން މާރކްސް ލިބި 2 ކޮޓަރީގެ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައިނުވާ ފަރާތްތަކާއި، 76 އަށް ވުރެ މަތިން މާރކްސް ލިބި 3 ކޮޓަރީގެ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައިނުވާ ފަރާތްތަކެވެ.
އަދި މީގެ ތެރޭގައި ދެމަފިރިންނަށް ވަކިން ފްލެޓްލިބޭ ޙާލަތުގައި، ދެމަފިރިންގެ ތެރެއިން އެއްފަރާތުން ފްލެޓް ދޫކޮށްލުމަށްފަހު، ފްލެޓް ލިބޭ އަދި ގުރުއަތު ނަގާފައިނުވާ ފަރާތްތައްވެސް ހިމެނެއެވެ.
ގުރުއަތު ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެކަމަށް ކަނޑައަޅާފައިވާ މިނިސްޓްރީގެ މުވައްޒަފުންނެވެ. އަދި ގުރުއަތު ނެގުމުން އެފަރާތްތަކަށް ލިބޭ ފުލެޓް ނަންބަރު ގެދޮރުވެރިން ޕޯޓަލްއިން އަޕްޑޭޓްކުރާނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. ގުރުއަތު ނެގުން ކުރިއަށްދާ މަންޒަރު ޕީއެސްއެމްއާއި، މިނިސްޓްރީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ވަގުތުން ބްރޯޑްކާސްޓްކުރާނެއެވެ.
މިހާރު ކުރިއަށްދާ ފްލެޓް ހަވާލުކުރުމުގެ މަސައްކަތުގައި 3,164 ފަރާތަކާއެކު އެއްބަސްވުން އެކުލަވާލައި ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ފަހިދިރިއުޅުން ކޯޕަރޭޝަނުންނެވެ. ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރަނީ ޑިޕޮސިޓް ދެއްކުމުންނެވެ.



