ބައިލައްކައަށްވުރެ ގިނަ ފައިސާ ހުރި ފޮއްޓެއް ގެއްލިގެން ފުލުހުންނަށް މައްސަލަ ރިޕޯޓްކުރިތާ ގިނައިރުތަކެއް ނުވެ ގެއްލުނު ފައިސާތައް ހޯދައި ވެރިފަރާތާ ހަވާލުކޮށްފިއެވެ.
ފުލުހުން ބުނިގޮތުގައި، އިއްޔެގެ މެންދުރުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅުނު މި މައްސަލާގައި ގެއްލިފައިވަނީ ރިސޯޓެއްގެ ސްޓާފް ޝޮޕްގެ ސެޕްޓެމްބަރު މަހުގެ ސޭލްސް ފައިސާކަމަށްވާ 53،000 ރުފިޔާ ހުރި ފޮއްޓެކެވެ.
މި ފޮށި ގެއްލިފައިވަނީ އެ ރިސޯޓުން މާލެ އައި ލޯންޗު ނަސަންދުރަ ކައިރިއަށް ފައިސާތަކާއެކު ފޮށި ބާލާފައިވަނިކޮށެވެ.
މި މައްސަލަ ހޭންވޭރު ޕޮލިސް ސްޓޭޝަނަށް ހުށަހެޅުމާއެކު، ފޮށި ހޯދުމަށް ސީސީޓީވީ ކެމެރާ ފުޓޭޖްތައް ބަލައި، ކުރި މަސައްކަތުން މައްސަލަ ހުށަހެޅުނުތާ 30 މިނިޓެއް ހާއިރުތެރޭގައި އެ ފޮށި ވަނީ ހޯދާފައިކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ، މި ފޮށި ފެނިފައިވަނީ އެހެން ލޯންޗަކަށް އަރުވާފައިވަނިކޮށް ކަމަށާއި، މި ފައިސާތައް މިހާރުވަނީ އޭގެ ވެރިފަރާތާ ހަވާލުކޮށްފައި ކަމަށެވެ.




