ފުލުހުންނަށް އިންޒާރު ދިންކަމުގެ ތުހުމަތުގައި އެމްޑީޕީ ހުޅުމާލެ އުތުރު ދާއިރާގެ ރައީސް، ފާތިމަތު ޒަހިއްޔާ (ޒާޔާ)ގެ ފޯނު ހިފަހައްޓައިފިއެވެ.
ކޯޓު އަމުރެއްގެ ދަށުން ޒާޔާގެ ގެ ބަލައި ފާސްކޮށް އޭނާގެ ފޯނު ފުލުހުން ހިފެހެއްޓީ މިއަދެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޒާޔާގެ ފޯނު ހިފެހެއްޓީ އޭނާގެ ފޭސްބުކް އެކައުންޓުން ”ފުލުހުންނަށް އިންޒާރުދީ“ ކުރި ޕޯސްޓަކާއި ގުޅިގެންނެވެ.
ކޯޓު އަމުރުގައި އެ ޕޯސްޓު ކުރި ތާރީހާއި ގަޑި ހިމަނާފައިވެއެވެ. އެ ޕޯސްޓުގައި ލިޔެފައިވަނީ ”17 ނޮވެންބަރަށް ތައްޔާރު ވުމަށް ކަނޑޫދޫ މިރުހުން ސްޕްރޭ ތައްޔަަރުކުރަން ފަށައިފިން. ހަމަ ޖެހީ ޖެހީ“ މިފަދައިންނެވެ. އަދި ފުލުހުންގެ ފޭސްބުކް ޕޭޖު ޓެގުކޮށްފައިވެއެވެ.
އެ މައްސަލައިގެ ހެކީގެ ގޮތުގައި ފުލުހުން ކޯޓަށް ހުށަހެޅީ އިންޓެލިޖެންސް ރިޕޯޓެކެވެ. މި އަމުރު ހިނގާނީ 72 ގަޑިއިރަށް ކަމަށްވެސް ކޯޓު އަމުރުގައިވެއެވެ.
ކޯޓު އަމުރުގައި އިތުރަށް ބުނީ، މި މައްސަލަ ތަހުގީގު ކުރަނީ ފުލުހުންގެ ވައްކަމުގެ މައްސަލަތައް ބަލާ ޑިޕާޓްމެންޓުން ކަމަށެވެ.



