ކުރިޔަށް އޮތް ހަތަރު މަސް ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރުޓީއެލް ފެރީގެ ޚިދުމަތް ލިބޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އދ. މަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ހުރިހާ އަތޮޅެއް އާރުޓީއެލް ފެރީގެ ނިޒާމުން ގުޅުވާލުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި، ކުރިޔަށް އޮތް ހަތަރު މަސްތެރޭގައި އެ އަމާޒަށް ވާސިލްވެ ރާއްޖޭގެ ހުރިހާ އަތޮޅެއް އެއް ނެޓްވޯކަކުން ގުޅުވާލާނެ ކަމަށެވެ.
”އާރުޓީއެލް ފެރީއަކީ ހުރިހާ އަތޮޅެއްގައި ކުރިޔަށް ގެންދަން ނިންމާފައި އޮތް ކަމެއް. ހަތަރު މަހެއްހާ ތެރޭގައި ހުރިހާ އަތޮޅެއްގައި އެކަން ވާނެ. އެންމެ ގިނަވިޔަސް ހަތަރު މަސް ދެން އޮތީ،“ ރައީސް ވިދާޅުވިއެވެ.
މިހާރު އާރުޓީއެލްގެ ޚިދުމަތް ގާއިމުކޮށްފައިވަނީ ރާއްޖޭގެ 12 އަތޮޅެއްގައެވެ.
އެމްޓީސީސީން މީގެ ކުރިން ބުނެފައިވާ ގޮތުގައި އިތުރު އަތޮޅުތަކުގައި އާރުޓީއެލްގެ ޚިދުމަތް ފެށުމަށްޓަކައި 56 އުޅަނދު ބޭނުންވާނެއެވެ. އަދި އެ އުޅަނދުތައް ބަނުމަށް މިހާރު ހަވާލުކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
މިހާރު އާރުޓީއެލް ޚިދުމަތް ދޭ އަތޮޅުތައް:
– ޒޯން 1: ހއ.، ހދ. އަދި ށ. އަތޮޅު
– ޒޯން 2: ނ.، ރ.، ބ. އަދި ޅ. އަތޮޅު
– ޒޯން 4: ތ. އަތޮޅު
– ޒޯން 5: ގއ. އަދި ގދ. އަތޮޅު
– ޒޯން 6: ފުވައްމުލައް އަދި އައްޑޫ
މަންދޫގެ ތަރައްގީއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސްކޫލުގެ 12 ކުލާސްރޫމާއި މަލްޓިޕާޕަސް ހޯލް 2027 ގެ ދިރާސީ އަހަރަށް ބޭނުންކުރެވޭ ވަރަށް ނިންމާނެ ކަމަށެވެ. އަދި ސްޕޯޓްސް ފިޝިން ބޮއެ އެޅުމުގެ މައްސަލަ މިނިސްޓްރީއާ މަޝްވަރާކޮށްގެން ބައްލަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.



