މި އަހަރުގެ މިހާތަނަށް 95 ރަށެއްގައި އޭޓީއެމް ބަހައްޓާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
މިގޮތުން އެންމެ ފަހުން އޭޓީއެމް ބަހައްޓާފައިވަނީ އދ. މަންދޫގައެވެ.
ބީއެމްއެލް އިން ބުނިގޮތުގައި މާލެ ފިޔަވައި މިހާރު އެ ބޭންކުގެ އޭޓީއެމް ގާއިމުކޮށްފައިވާ ރަށްތަކުގެ އަދަދު ވަނީ 176 އަށް އަރާފައެވެ. އަދި މުޅި ރާއްޖޭގައި ބަހައްޓާފައިވާ ބީއެމްއެލްގެ އޭޓީއެމްތަކުގެ ޖުމްލަ އަދަދު މިހާރު ވަނީ 250 އަށް އަރާފައެވެ.
ބީއެމްއެލް އިން ބުނީ، މިހާރު ރާއްޖޭގައި އޭޓީއެމް ނުބެހެއްޓި އޮތީ އެންމެ 10 ރަށުގައި ކަމަށެވެ. އަދި މި މަސް ނިމުމުގެ ކުރިން އެ ރަށްތަކުގައިވެސް އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ ބޭންކުން ބުނެފައިވެއެވެ.
ކުޑަ ރަށެއް އަދި ބޮޑު ރަށަކަށް ބެލުމެއް ނެތި ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމުކޮށްދީ، ރައްޔިތުންނަށް ބޭންކިން ހިދުމަތް ހޯދުމުގައި ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަކީ މި ސަރުކާރުގެ އަމާޒެކެވެ.



