ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަރްބާޒް ޚާނާއި އޭނާގެ އަނބިމީހާ ޝޫރާއަށް ލިބުނު އަންހެން ދަރިފުޅުގެ ނަން މިއަދު ސޯޝަލް މީޑިއާގައި ހާމަކޮށްފިއެވެ.
މި މަހުގެ 5 ވަނަ ދުވަހު ދުނިޔެއަށް އުފަންވި އެ ދެމީހުންގެ އަންހެން ދަރިފުޅުގެ ނަމަކީ ސިޕާރާ ޚާން އެވެ.
މަޝްހޫރު އެކްޓަރު ސަލްމާން ޚާންގެ ކޮއްކޮ، އަރްބާޒް އާއި މޭކަޕް އާޓިސްޓް ޝޫރާ ކައިވެނިކުރީ މިދިޔަ އަހަރުގެ ޑިސެންބަރު 24 ވަނަ ދުވަހުއެވެ. އެ ދެ މީހުންގެ ފުރަތަމަ ދަރިފުޅު ކަމުގައިވާ ސިޕާރާގެ އުފަންވުމުގެ އުފާވެރި ޚަބަރު އެ ދެ މީހުން ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކޮށްފައެވެ.
ސިޕާރާއަކީ 58 އަހަރުގެ އަރްބާޒްއަށް ދެވަނައަށް ލިބުނު ދަރިފުޅެވެ. އޭނާގެ ދޮށީ ދަރިފުޅު އަރްހާން ޚާނަށް މިހާރު ވަނީ 22 އަހަރު ފުރިފައެވެ. އަރްހާންގެ މަންމައަކީ ބޮލީވުޑްގެ މަޝްހޫރު ސެލެބްރިޓީ މަލައިކާ އަރޯރާ އެވެ.
އަރްބާޒް އާއި މަލައިކާ ކައިވެނިކުރީ 1998 ވަނަ އަހަރު އެވެ. ނަމަވެސް އެ ދެ މީހުންގެ ކައިވެނި ރޫޅުނީ 2017 ވަނަ އަހަރު އެވެ.
އޭގެ ފަހުން އަރްބާޒް ކައިވެނިކުރީ 35 އަހަރުގެ ޝޫރާ އާ އެކު އެވެ.



