ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް (ޑީއައިޕީ) އިން އެ ކުންފުނީގެ ފުރަތަމަ އިންވެސްޓްމަންޓް ފަންޑު ”ދިވެހި އިންވެސްޓްމަންޓް ނަފާ ފަންޑު“ (ދިނަފް) މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މި ފަންޑު އިފްތިތާހުކޮށްދެއްވީ ބާސެލޯ ނަސަންދުރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ސީއީއޯ މުހައްމަދު ހުސައިން މަނިކެވެ.
ސީއެމްޑީއޭއިން ރެގިއުލޭޓްކޮށް ލައިސަންސް ދީފައިވާ ޕްރައިވެޓް އިންވެސްޓްމަންޓް ފަންޑެއްގެ ގޮތުގައި އެކުލަވާލާފައިވާ މި ފަންޑުގައި އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 6 މަހާއި 3 އަހަރާ ދެމެދުގެ މުއްދަތުގެ އިންވެސްޓްމަންޓް ފުރުސަތުތަކަށެވެ.
ދިވެހި އިންވެސްޓްމަންޓް ޕާޓްނާސްގެ ޗެއާމަން އަބްދުލްވާހިދު ތައުފީޤު ވިދާޅުވި ގޮތުގައި، މި ފަންޑަކީ ރާއްޖޭގައި ޝޯޓް ޓާމް އިންވެސްޓްމަންޓް ފަންޑަކުން ލިބޭ އެންމެ ރަނގަޅު ފިކްސްޑް ރިޓާން ލިބޭނެ ފަންޑެވެ. އަދި މި ފަންޑުގެ ސަބަބުން އިންވެސްޓަރުންނަށް ރާއްޖޭގެ މާލީ ބާޒާރުން އާންމުކޮށް ލިބޭ ރޭޓްތަކަށްވުރެ ރަނގަޅު ބަދަލެއް ލިބިގެންދާނެއެވެ.
”ކުރިއަށް އޮތްތާނގައި މި ފަންޑު އިތުރަށް ފުޅާކުރުމަށް ވިސްނުން އެބައޮތް، ޕަބްލިކް ފަންޑަކަށް ހެދުމަށް. އަޅުގަނޑުމެން ބޭނުންވަނީ މި ފަންޑު ފުޅާކޮށް ގިނަ ފަރާތްތަކަށް ފަންޑުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން،“ އަބްދުލްވާހިދު ތައުފީޤު ވިދާޅުވިއެވެ.
މި ފަންޑު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ކެޕިޓަލް މާކެޓާއި ވިޔަފާރީގެ ދާއިރާގައި ފާހަގަކޮށްލެވޭ ގިނަ ފަރާތްތަކެއް ބައިވެރިވިއެވެ.
އަދި މި ފަންޑު އިފްތިތާހުކުރުމާއެކު، ޕްރައިވެޓް ކެޕިޓަލް މާކެޓަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ދިވެހި އިންވެސްޓްމަންޓް ޕާޓްނާސްއިން ޤަބޫލުކުރެއެވެ.



