ފުޓުބޯޅަ ކުޅެގެން ބިލިއަނަރަކަށްވި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު، ސައުދީ އަރަބިއާގެ އަލް ނަސްރަށް ކުޅެމުންދާ ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދައިފިއެވެ.
ދާދިފަހުން އަލް ނަސްރާއެކު ސޮއިކުރި 400 މިލިއަން ޑޮލަރުގެ އެއްބަސްވުމާ އެކު، އުމުރުން 40 އަހަރުގެ ރޮނާލްޑޯގެ މިލްކިއްޔާތުގައި މިހާރު 1.4 ބިލިއަން ޑޮލަރު އެބަހުރި ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.
ބްލޫމްބާގް ބިލިއަނާސް އިންޑެކްސްއިން ފާހަގަކޮށްފައިވާ ގޮތުގައި 2002 އިން 2023 އަށް ރޮނާލްޑޯއަށް މުސާރައިގެ ގޮތުގައި 550 މިލިއަން ޕައުންޑް ލިބިފައިވެއެވެ. މީގެ އިތުރުން ނައިކީއާއެކު ވެފައިވާ އެއްބަސްވުމުން އަހަރަކު 18 މިލިއަން ޑޮލަރު ލިބެމުންދެއެވެ.
ރޮނާލްޑޯގެ އާމްދަނީގެ ބޮޑު ބައެއް އަންނަނީ އޭނާގެ ބްރޭންޑް އެންޑޯސްމަންޓްތަކުންނެވެ. އަރްމާނީއާއި ކާސްޓްރޯލް ފަދަ ބްރޭންޑްތަކުން އެކަނި އަހަރަކު 175 މިލިއަން ޑޮލަރު ރޮނާލްޑޯއަށް ލިބޭ ކަމަށް ބްލޫމްބާގުން ހާމަކޮށްފައިވެއެވެ.
2023 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް އަލް ނަސްރަށް ބަދަލުވުމާއެކު، ރޮނާލްޑޯ ވެގެން ދިޔައީ ފުޓުބޯޅައިގެ ތާރީޚުގައި އެންމެ މުސާރަ ބޮޑު އެއް ކުޅުންތެރިޔާއަށެވެ. އަލް ނަސްރުގެ އެއްބަސްވުމުގެ ދަށުން އަހަރަކު 237.52 މިލިއަން ޑޮލަރު ލިބޭއިރު، ކްލަބުގެ 15 ޕަސެންޓް ހިއްސާވެސް ރޮނާލްޑޯއަށް ލިބިފައިވެއެވެ.
ކުޅިވަރުގެ ދާއިރާއިން މީގެ ކުރިން ބިލިއަނަރުންގެ ގޮތުގައި ތިބި ކުޅުންތެރިންގެ ތެރޭގައި ބާސްކެޓްބޯޅަ ތަރިން ކަމަށްވާ މައިކަލް ޖޯޑަން، މަޖިކް ޖޯންސަން އަދި ލެބްރޯން ޖޭމްސްގެ އިތުރުން، ގޯލްފް ކުޅުންތެރި ޓައިގާ ވުޑްސްއާއި ޓެނިސް ތަރި ރޯޖާ ފެޑެރާ ހިމެނެއެވެ.
ނަމަވެސް ފުޓުބޯޅައިގެ ތާރީޚުގައި ބިލިއަނަރަކަށްވި ފުރަތަމަ ކުޅުންތެރިޔާގެ ގޮތުގައި ރޮނާލްޑޯގެ ނަން ރެކޯޑު ފޮތްތަކަށް ލިޔެވިގެން ދާނެއެވެ.




