15 އަހަރުން ދަށުގެ ކުދިންނަށް މީސްމީޑިއާ މަނާކުރުމުގެ އެއްބަސްވުމެއް ތަޢާރަފުކުރަން ޑެންމާކުން ނިންމައިފިއެވެ.
މިކަން އިޢުލާންކުރެއްވީ އެ ގައުމުގެ ބޮޑުވަޒީރު މެޓް ފްރެޑްރިކްސަން، މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
މި އެއްބަސްވުމުގެ ދަށުން، ބެލެނިވެރިންނަށް 13 އަހަރުން މަތީގެ ދަރިންނަށް މީސްމީޑިއާ ބޭނުންކުރުމުގެ ހުއްދަ ދެވިދާނެއެވެ. ނަމަވެސް މަނާކުރެވޭނެ ވަކި މީސްމީޑިއާ ނެޓްވޯކްތަކެއް އަދި މި މަނާކުރުން ތަންފީޒުކުރާނެ ގޮތުގެ ތަފްސީލު އަދި ހާމަކޮށްފައެއް ނުވެއެވެ.
”މޯބައިލް ފޯނާއި މީސްމީޑިއާއިން ދަނީ އަހަރެމެންގެ ދަރިންގެ ކުޑައިރުގެ ދުވަސްތައް ފޭރިގަންނަމުން،“ބޮޑުވަޒީރު ފްރެޑްރިކްސަން ވިދާޅުވިއެވެ.
އަދި ޑެންމާކުގެ 11 އަހަރާއި 19 އަހަރާ ދެމެދުގެ ފިރިހެން ކުދިންގެ ތެރެއިން 60 އިންސައްތަ ކުދިން ރައްޓެހިންނާއެކު ވަގުތު ހޭދަކުރުމަށްވުރެ ގޭގައި ވަގުތު ހޭދަކުރަން އިސްކަންދޭކަން ފާހަގަކުރެއްވިއެވެ.
މިފަދަ ފިޔަވަޅުތައް އެޅުމުގައި އޮސްޓްރޭލިއާއަކީ ކުރިއަރާފައިވާ ގައުމެކެވެ. އެގޮތުން 2024 ވަނަ އަހަރުގެ ފަހުކޮޅު އެ ގައުމުގެ ޕާލަމެންޓުން ވަނީ 16 އަހަރުން ދަށުގެ ކުދިންނަށް ފޭސްބުކް، ސްނެޕްޗެޓް، ޓިކްޓޮކް އަދި ޔޫޓިއުބް ފަދަ މަންސަތައް ބޭނުންކުރުން މަނާކުރަން ނިންމާފައެވެ.
މީގެއިތުރުން، ޖޫން މަހު ގްރީސްއިން ވަނީ ޔޫރަޕިއަން ޔޫނިއަންގެ 27 މެންބަރު ގައުމުގައި ”އޭޖް އޮފް ޑިޖިޓަލް އެޑަލްޓްހުޑް“ ތަޢާރަފުކުރުމަށް ހުށަހަޅާފައެވެ.
މި ހުށަހެޅުމުގެ ދަށުން ބެލެނިވެރިންގެ ހުއްދައާ ނުލައި ކުޑަކުދިންނަށް މީސްމީޑިއާ ބޭނުންނުކުރެވޭނެއެވެ.




