ޙަރާމްގޮތުގައި މުދާ ހޯދުމަކީ، ދިރިއުޅުމުގެ އުފާވެރިކަމާއި ބާއްޖަވެރިކަން ނެތޭނޭ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
”މުދަލުގެ ޙުރުމަތް“ މި މައުޟޫއަށް މިއަދު ދިން ހުތުބާގައި ބުނިގޮތުގައި، ޙަލާލު ގޮތުގައި މުދާ ހޯދުމަކީ، މުދަލުގައި މާތް ﷲ ބަރަކާތްލައްވާނޭ ކަމެކެވެ. އަދި އަހަރެމެންގެ ޢަމަލުތައް މާތް ﷲގެ ޙަޟުރަތުގައި ޤަބޫލުވެވޭނޭ ކަމެކެވެ. ޙަޔާތަށް އުފާވެރިކަމާއި ބާއްޖަވެރިކަން ގެނެސްދޭނެ ކަމެކެވެ.
މާތް ނަބިއްޔާ ﷺ ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި ވިދާޅުވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. ”ހަމަކަށަވަރުން، ތިޔަބައިމީހުންގެ ލެޔާއި މުދަލާއި އަބުރަކީ ޙުރުމަތްތެރިވެގެންވާ އެއްޗެކެވެ. މިއަދު (އެބަހީ: ޢަރަފާތް ދުވަސް) ޙުރުމަތްތެރިވީ ފަދައިންނެވެ. ހުތުބާގައި ބުނެފައިވެއެވެ.
މާތް ﷲ ވަނީ، އެކަލާނގެ ދީނުގައި މުދާ ހޯދައި، އެ މުދާ މިލްކުކުރުމުގެ ހަރުދަނާ އުޞޫލުތަކެއް ކަނޑައަޅުއްވައިފާ ކަމަށާއި، ބާޠިލުގޮތުގައި މީސްތަކުންގެ މުދާ ނުކެއުމަށް އެކަލާނގެ ވަނީ އަމުރުކުރައްވާފައި ކަމަށް ހުތުބާގައި ބުންޏެވެ. އަދި ހެޔޮގޮތުގައި ވިޔަފާރިކޮށް ދިރިއުޅުން ބާއްޖަވެރިކުރަން މަސައްކަތްކުރުމަށް އެކަލާނގެ އެންގެވި ކަމަށް ހުތުބާގައި ފާހަގަކުރިއެވެ.
އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. باطلގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެ ފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިޔަކަށްވުން މެނުވީއެވެ.
ހުތުބާގައި ބުނި ގޮތުގައި، މާތް ﷲ އިންސާނާއަށް ދެއްވި މުދަލަކީ ޙުރުމަތްތެރިވެގެންވާ އެއްޗެކެވެ. އަދި އެއްވެސް މީހަކު އަނެކާގެ މުދަލަށް ޙައްޤަކާނުލައި އަރައިގަތުމަކީ އިސްލާމް ދީނުގައި ޙަރާމްކުރައްވައިފައިވާ ކަމެކެވެ.
ހުތުބާގައި އިތުރަށް ބުނީ، ޙަލާލު ގޮތުގައި ރިޒުޤު ހޯދާން މަސައްކަތްކުރުމަށް އިސްލާމް ދީން ބާރުއަޅުއްވައިފައިވާ ކަމަށެވެ.
މާތް ނަބިއްޔާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. ހަރާމްތަކެތި ކައިގެން ހެދިބޮޑުވެފައިވާ މީހަކު، ސުވަރުގެ ނުވަންނަހުއްޓެވެ. އޭނާއަށް އެއްމެ އައުލާކަން ބޮޑީ ނަރަކައެވެ.
މިއަދުގެ މުޖުތަމަޢުގެ ޙާލާ މެދު ފިކުރުހިންގާއިރު، ދިމާވާ ގިނަ ދަތިތައް ގުޅިފައިވަނީ، މުދަލާ މެދު ދީނުގައި އަންގަވައިފައިވާ އުޞޫލުތަކަށް އިހުމާލުވުން ކަމަށް ފާހަގަ ކުރަމުން ހުތުބާގައި ބުނީ، ކޮރަޕްޝަނާއި، ރިޝްވަތާއި، އަމިއްލަ މަޞްލަޙަތު އިސްކުރުމާއި، އާމްދަނީހޯދުމަށް މަސައްކަތްކުރުމަށް ފަސްޖެހުން ފަދަ އެންމެހައި ކަންކަމުން ދުރުހެލިވުމަށް ދީނުގައި ބާރުއަޅުއްވާފައިވާ ކަމަށެވެ.



