ފިލިޕީންސްގެ އައްސޭރިފަށަށް ރިކްޓަރ މިންގަނޑުން 7.4ގައި ރެކޯޑުކުރެވުނު ބާރުގަދަ ބިންހެލުމެއް އައުމާ ގުޅިގެން އެ ސަރަހައްދުގެ ގިނަ ޤައުމުތަކަށް ސުނާމީގެ އިންޒާރު ނެރެފިއެވެ.
ފިލިޕީންސްގެ އަލިފާންފަރުބަދަތައް ދިރާސާކުރާ އިދާރާއިން މަޢުލޫމާތު ދިން ގޮތުގައި، ބިންހެލުން އައިސްފައިވަނީ އެ ޤައުމުގެ މިންދަނާއޯ ސަރަހައްދުގެ ދާވައޯ އޮރިއެންޓަލް ސަރަހައްދުގެ މަނާއީގެ އައްސޭރިފަށަށެވެ.
މި ބިންހެލުމާ ގުޅިގެން މިހާތަނަށް އެކަކު ވަނީ މަރުވެފައެވެ.
ސުނާމީގެ އިންޒާރާ ގުޅިގެން، ޕަލާއޫ، އިންޑޮނޭޝިޔާގެ ސުލަވެސީ އަދި ޕަޕުއާގެ އައްސޭރިފަށުގެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރި ހިސާބުތަކަށް ދަތުރުކުރުމަށް އިރުޝާދު ދީފައިވެއެވެ.
ޕެސިފިކް ޤައުމުތަކުގެ ސުނާމީ އިންޒާރުދޭ މަރުކަޒުން ބުނެފައިވަނީ، އެއް މީޓަރާއި ތިން މީޓަރުގެ އުސްމިނުގެ ރާޅުތަކެއް އަރާނެކަމަށް ލަފާކުރެވުނު ނަމަވެސް، މިހާރު އެ އިންޒާރު ވަނީ ފާއިތުވެފައި ކަމަށެވެ.
ފިލިޕީންސަކީ ”ރިންގް އޮފް ފަޔަރ“ ސަރަހައްދުގައި އޮންނަ، އަހަރަކު އެވްރެޖްކޮށް 800 އެއްހާ ބިންހެލުން އަންނަ ޤައުމެކެވެ. މިފަހަރުގެ ބިންހެލުމަކީ ފާއިތުވި އަހަރުތަކުގައި އެ ސަރަހައްދަށް އައި އެންމެ ބާރުގަދަ އެއް ބިންހެލުމެވެ.
މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ވެސް ފިލިޕީންސްގެ ސޭބޫ ސަރަހައްދަށް ރިކްޓަރ މިންގަނޑުން 6.9ގެ ބިންހެލުމެއް އައިސް، 74 މީހުން މަރުވެފައިވެއެވެ.
މިފަހަރުގެ ބިންހެލުމާ ގުޅިގެން ލިބުނު ގެއްލުންތައް ވަޒަންކޮށް، ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ފިލިޕީންސްގެ ރައީސް ފެރްނާންޑޯ މަރްކޯސް ޖޫނިއަރ ވިދާޅުވެފައިވެއެވެ.



