މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ހުސްވި ސެޕްޓެމްބަރު މަހު އާމްދަނީގެ ގޮތުގައި 3.01 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް އެ އޮތޯރިޓީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 30.7 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި މިއަހަރުގެ މި މުއްދަތަށް އަންދާޒާކުރި އާމްދަނީއަށްވުރެ 33.7 އިންސައްތަ އިތުރު އަދަދެކެވެ.
މީރާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، އާމްދަނީ އިތުރުވެފައިވަނީ ޓޫރިޒަމް ދާއިރާ ފިޔަވައި އެހެން ދާއިރާތަކުގެ ޖީއެސްޓީ، ރިސޯޓް ކުލި، އެއަރޕޯޓް ޓެކްސް އަދި އެހެނިހެން ފީތަކުގެ ސަބަބުންނެވެ. ސެޕްޓެމްބަރު މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއެވެ.
ސެޕްޓެމްބަރު މަހު ޖީއެސްޓީގެ ގޮތުގައި 1.22 ބިލިއަން ރުފިޔާ (40.5 އިންސައްތަ) ލިބިފައިވާއިރު، ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއްގެ ގޮތުގައި ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި 507.2 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މީގެއިތުރުން ރިސޯޓްތަކުގެ ކުލީގެ ޓެކްސްގެ ގޮތުގައި 404 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 204.3 މިލިއަން ރުފިޔާ، ޑިޕާރޗަރ ޓެކްސްގެ ގޮތުގައި 199.1 މިލިއަން ރުފިޔާ އަދި ގްރީން ޓެކުހުގެ ގޮތުގައި 195.7 މިލިއަން ރުފިޔާ ވަނީ ބަލައިގަނެފައެވެ.
ސެޕްޓެމްބަރު މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 150.25 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.




