ޤަވާއިދާ ޚިލާފަށް މާލޭގައި ވިޔަފާރިކުރަމުން ދިޔަ 6 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މައުލޫމާތު ދިން ގޮތުގައި، ގަވާއިދާ ޚިލާފަށް ވިޔަފާރިތައް ހިންގާކަމަށް ފާހަގަކުރެވިފައިވާ މާލޭގެ ޝާރިޢުވަރުދީ މަގަށް އަމާޒުކޮށް އިއްޔެ ޓާސްކްފޯސްއިން ވަނީ ރެއިޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ.
އިމިގްރޭޝަނުން ބުނީ، މި އޮޕަރޭޝަނުގައި އިމިގްރޭޝަނުން 44 ބިދޭސީން ބަލައި ފާސްކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން ހަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ކުރިއަށްގެންދާ މިފަދަ އޮޕަރޭޝަންތަކުގެ މަގުސަދަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމެވެ.
އަދި އާންމު ސިއްހަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އެޅުމަކީވެސް އޮޕަރޭޝަންތަކުގެ މަގުސަދެއްކަމަށް އިމިގްރޭޝަނުން ބުންޏެވެ.



