ލިވަޕޫލްގެ ސްޓްރައިކަރު މުހައްމަދު ސަލާހުގެ ދެ ލަނޑާއެކު ޖިބޫޓީ 3-0 އިން ބަލިކޮށް، 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް މިސްރު ކޮލިފައިވެއްޖެއެވެ.
މިއީ މިސްރު ވޯލްޑް ކަޕަށް ކޮލިފައިވި ހަތަރުވަނަ ފަހަރެވެ.
މޮރޮކޯގައި ކުޅުނު މި މެޗުގައި މިސްރުގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 8 ވަނަ މިނެޓުގައި އިބްރާހިމް އާދިލްއެވެ. އޭގެ ކުޑައިރުކޮޅެއްގެ ތެރޭގައި، 14 ވަނަ މިނެޓުގައި ސަލާހު ވަނީ މިސްރުގެ ދެވަނަ ލަނޑު ޖަހާފައެވެ. މެޗުގެ ފަހު ހާފުގެ، 84 ވަނަ މިނެޓުގައި ސަލާހު ވަނީ އޭނާގެ ދެވަނަ އަދި މިސްރުގެ ތިންވަނަ ލަނޑު ޖަހާފައެވެ.
މި މުހިންމު ކާމިޔާބީއާއެކު، ގްރޫޕް އޭގައި 9 މެޗުން 23 ޕޮއިންޓު ހޯދައި، މިސްރު ވަނީ ގްރޫޕްގެ އެއްވަނަ ހޯދާފައެވެ.
އަންނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ ވޯލްޑް ކަޕަށް އެފްރިކާގެ ތިން ޓީމެއް މިހާރު ވަނީ ކޮލިފައިވެފައެވެ. އެއީ މިސްރުގެ އިތުރުން މޮރޮކޯ އަދި ޓިއުނީޝިއާއެވެ.
2026 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ މިހާތަނަށް އެންމެ ގިނަ ޓީމުތަކެއް ބައިވެރިވާ ވޯލްޑް ކަޕް ޓޯނަމަންޓް އަށް ވާނެއެވެ. މި މުބާރާތުގައި 48 ޓީމަކުން ވާދަކުރާއިރު، ޖުމްލަ 104 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މެޗުތައް ކުޅޭނީ 16 ސިޓީއެއްގައެވެ.
ވޯލްޑް ކަޕް ފެށުމަށް ހަމަޖެހިފައިވަނީ ޖޫން 11 ގައި ކަމަށްވާއިރު، މުބާރާތް ނިމޭނީ ޖުލައި 19 ގައެވެ.




