ބޭސްފަރުވާގެ ޚަރަދުތައް ހަމަޖެއްސުމަށް ދަތިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިދިޔަ ސެޕްޓެމްބަރު މަހު އެންސްޕާއިން 21.8 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އެ އޭޖެންސީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެންސްޕާއިން މިދިޔަ މަހު ޚަރަދުކުރި 21،836،306 ރުފިޔާގެ ތެރެއިން ރާއްޖޭގައި ބޭސްފަރުވާކުރި ފަރާތްތަކަށް 12،931،030 ރުފިޔާ އަދި ރާއްޖެއިން ބޭރުގައި ބޭސްފަރުވާކުރި ފަރާތްތަކަށް 8،905،276 ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
މީގެއިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ 14،790 މީހަކަށް މާލީ އެހީގެ ގޮތުގައި 52،818،000 ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިދިޔަ މަހު އަލަށް 144 މީހަކު މި ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވެއެވެ.
އެންސްޕާއިން ފޯރުކޮށްދޭ އެހެނިހެން އެހީތެރިކަމުގެ ތެރޭގައި، ފަޤީރު ހާލަތުގައި ދިރިއުޅޭ 698 ފަރާތަކަށް ކާބޯތަކެތި ގަތުމަށް 25،640 ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި އެސިސްޓިވް ޑިވައިސްތަކަށް 3،323،632 ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
އެސިސްޓިވް ޑިވައިސްތަކުގެ ތެރޭގައި 33 ހިއަރިންގް އެއިޑް، 30 ބައިޕެޕް މެޝިން އަދި މާސްކް، 25 ވީލްޗެއަރ، 21 އޮކްސިޖަން ކޮންސެންޓްރޭޓަރ، އަދި އެހެނިހެން މެޑިކަލް އާލާތްތައް ހިމެނެއެވެ.
އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެންސްޕާގެ އިތުރުން އާސަންދައިންވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ރާއްޖޭގައި ދެވޭ ސިއްހީ ފަރުވާތައް އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.



