ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ”އަމާން އުދަރެސް“ ފްލެޓްތައް ދޫކޮށް ނުނިމެނީސް، އެ ފްލެޓްތަކުގެ ތެރެއިން ބައެއް ފްލެޓްތައް ކުއްޔަށް ދިނުމަށް އިސްތިހާރުކޮށްފިއެވެ.
މި ފްލެޓްތަކުގެ ތެރެއިން ބައެއް އެޕާޓްމަންޓްތައް ލިބުނު ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އިސްތިހާރު ޖަހައި، 25,000ރުފިޔާއަށް ތިން ކޮޓަރީގެ އެޕާޓްމަންޓް ކުއްޔަށް ދޭން އިޢުލާންކޮށްފައެވެ.
މިކަމާ ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ސޯޝަލް މީޑިއާގައި ފާޑުކިޔައި، މި ސްކީމްގެ ނާޖާއިޒު ފައިދާ ނަގަން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށްފައެވެ.

ސަރުކާރުން ވަނީ މި ފްލެޓްތަކުގެ ކުލި ވަރަށް ބޮޑު ތަން ކުޑަކޮށްދީފައެވެ. އެގޮތުން، ދެ ކޮޓަރީގެ އެޕާޓްމަންޓްގެ ކުލި 9,000 ރުފިޔާއިން 7,000 ރުފިޔާއަށް، އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްގެ ކުލި 13,000 ރުފިޔާއިން 9,000ރުފިޔާއަށް ވަނީ ކުޑަކޮށްދީފައެވެ.
މި ފްލެޓްތަކަކީ ގެދޮރުވެރިކަމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން އާންމު ރައްޔިތުންނަށް ފޯރުކޮށްދޭ ބޯހިޔާވަހިކަމުގެ މަޝްރޫޢެކެވެ. ނަމަވެސް، ފްލެޓް ލިބޭ ފަރާތްތަކުން މިފަދަ ގޮތަކަށް އަމަލުކުރުމަކީ މި މަޝްރޫޢުގެ މަޤްޞަދާ ޚިލާފު ކަމެއް ކަމަށް ގިނަ ފަރާތްތަކުން ފާހަގަކުރެއެވެ.




