ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑަރު އަދި ބޮލީވުޑްގެ މަޝްހޫރު ތަރި ކެޓްރީނާ ކައިފް ވަރަށް އަވަހަށް ރާއްޖެ ޒިޔާރަތްކުރާނެ ކަމަށް އިއުލާންކޮށްފިއެވެ.
މިކަން އޭނާ ހާމަކުރީ މިއަދު އިންސްޓަގްރާމް މެދުވެރިކޮށް ކުރި ޕޯސްޓެއްގައެވެ.
”މި ސުވަރުގެއް ފަދަ ރާއްޖެ ތަޖުރިބާކޮށްލަން ޖެހޭ. ވަރަށް އަވަހަށް ރާއްޖެއިން ބައްދަލުވާނަން“ ކެޓްރީނާ އޭނާގެ ޕޯސްޓުގައި ބުނެފައިވެއެވެ.
އަދި ރާއްޖޭގެ ބިއްލޫރިކޮޅެއް ފަދަ ސާފު މޫދާއި ތަފާތު ދިރުންތަކުން މުއްސަނދި ކަނޑާއި ހަމަހިމޭން މާހައުލަކީ ދުނިޔޭގެ އެހެން އެއްވެސް ތަނަކުން ތަޖުރިބާ ނުކުރެވޭނެ ކަންކަން ކަމަށްވެސް އޭނާ ފާހަގަކޮށްފައިވެއެވެ.
މިދިޔަ ޖޫން މަހު ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑަރެއްގެ ގޮތުގައި ކެޓްރީނާ ހަމަޖެއްސުމުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ކަނޑުގެ ހިތްގައިމު ދިރުންތަކާއި ހާއްސަ ލަގްޒަރީ ތަޖުރިބާތައް ކުރަން ދުނިޔޭގެ ގިނަ ޓޫރިސްޓުންނަށް ހިތްވަރު ދިނުން ކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނެފައިވެއެވެ.
ވިޒިޓް މޯލްޑިވްސްގެ އަނެއް ގްލޯބަލް އެމްބެސެޑަރު، ނެޓްފްލިކްސްގެ ”ވަން ޕީސް“ ލައިވް-އެކްޝަން ސީރީޒްގެ ތަރި ޓެޒް ސްކައިލާ ވެސް މިދިޔަ އޮގަސްޓު މަހު ރާއްޖެ ޒިޔާރަތްކޮށް ވަނީ ރާއްޖެ އިޝްތިހާރުކުރުމުގެ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.



