އައްޑޫ ހުޅުދޫގެ ޑަކް ޕާކުގައި އުޅޭ ދޫނިތަކާއި މަސްތަކަށް ވިހައެއް ދީގެން އެ ތަކެތި މަރާލި ކަމަށް ބެލެވޭ ހާދިސާއެއް ހިނގައިފިއެވެ.
ހުޅުދޫ ރައްޔިތުންނާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ހެދި މި ޕާކުގައި ގެންގުޅޭ އަސްދޫންޏާއި އެކި ބާވަތުގެ އެހެން ދޫނިތަކާއި މަސްތައް މަރުވެފައިވާ ކަމަށް ވަނީ ފާހަގަކުރެވިފައެވެ.
މި މައްސަލައާ ގުޅޭ ގޮތުން ހުޅުދޫ ކައުންސިލަރު ހުސެއިން ފައިޒް ރަހްމާން ވިދާޅުވީ، ދޫނިތަކާއި މަސްތައް މަރުވާން ފެށިތާ މިހާރު ދެތިން ދުވަސް ވެއްޖެ ކަމަށެވެ. އަދި ދޫނިތަކާއި މަސްތައް މަރުވާން މެދުވެރިވި ސީދާ ސަބަބު އަދި ނޭނގުނަސް މިހާރު ބޮޑަށް ބެލެވެނީ ބަޔަކު ޕާކުގެ ފެންގަނޑަށް ވިހައެއް އަޅައިގެން އެ އެއްޗެހި މަރާލީ ކަމަށެވެ.

”ބޮޑަށް ހީވަނީ ބަޔަކު ކޮންމެވެސް އެއްޗެއް އަޅައިގެން ކަމަށް. އެހެން މި ބުނަނީ ހަމައެކަނި އަސްދޫނިތަކެއް ނޫން މަރުވީކީ. އެ ތަނަށް ނެޗުރަލީ އައިސް އުޅޭ ރާބޮނދި ކަހަލަ ބައެއް އެއްޗެހި ވެސް މަރުވެފައި އޮއްވާ އެބަ ފެނޭ،“ އޭނާ ވިދާޅުވިއެވެ.
ކައުންސިލަރު ފައިޒް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ޕާކަކީ ކޮންމެ ދުވަހަކު އެތައް ބަޔަކު ހިތްހަމަޖައްސާލަން ޒިޔާރަތްކުރާ ތަނެކެވެ.

”ހަމަ ނެޗުރަލީ އެތަނުގައި އޮތް ފެންގަނޑެއް، އަޅުގަނޑުމެން އެތަން ރީތިކޮށްލައި މީހުންނަށް ގޮސް ތިބޭވޭނެ ގޮތަށް ބެންޗުތަކާއި ޕްލެޓްފޯމަކާ އެކު ހަދައިފައި ހުރި ތަނެއް އެއީ،“ އޭނާ ވިދާޅުވިއެވެ.

މި މައްސަލަ ވަނީ މިހާރު ފުލުހުންނަށް ރިޕޯޓުކޮށްފައެވެ. އަދި މި ހާދިސާ ހިނގި ދުވަސްވަރު، އައްޑޫ މީދޫގެ މަތިކިޅި އިކޯ ގާޑެންގައި ވެސް އަލިފާން ރޯވެ، އެ ކުޅީގެ 80 ޕަސެންޓް އަނދައިގެން ގޮސްފައިވާކަން ފާހަގަކުރެވެއެވެ.
އެ ހާދިސާގައި ވެސް ބަޔަކު ގަސްތުގައި އަލިފާން ރޯކޮށްލި ކަމަށް ވަނީ ތުހުމަތުކުރެވިފައެވެ.



