ދިވެހިރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ދިރާގުން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ހައި ސްޕީޑް ފައިބަރ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދީ ނިންމާލައިފިއެވެ.
މި ކާމިޔާބީއާއެކު ދިރާގުން މިހާރު ވަނީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަލުވި މުވާސަލާތީ ޑޭޓާ ނެޓްވޯކް ގާއިމްކޮށްފައެވެ.
އެ ކުންފުނިން ފާހަގަކުރި ގޮތުގައި މިއީ ބޮޑެތި އަދި ކުރިއަރައިފައިވާ ގައުމުތަކުގެ ތެރެއިންވެސް ވަރަށް މަދު ގައުމަކަށް ހާސިލުކުރެވިފައިވާ ކަމެކެވެ.
މި ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު ޢަލީ އިހުސާން ވިދާޅުވީ، ހަގީގީ މާނައިގައި ދިވެހިރާއްޖޭގެ ގުޅުން ގާއިމްކޮށްފައިވާ ފުރަތަމަ އަދި ހަމައެކަނި ކުންފުންޏަކީ ދިރާގު ކަމަށެވެ.
ދިރާގުގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރ، އިސްމާޢީލް ރަޝީދު ވިދާޅުވި ގޮތުގައި މި ކާމިޔާބީ ހާސިލުކުރެވިފައިވަނީ ދުރާލާ ރޭވި ގިނަ އިންވެސްޓްމަންޓްތަކަކާއި މަޝްރޫޢުތަކެއްގެ ސަބަބުންނެވެ. މީގެ ތެރޭގައި ބޭރު ގައުމުތަކާއި ރާއްޖެއާ ދެމެދު ގުޅުން ވަރުގަދަކުރުމަށް ހިންގުނު ސަބްމެރީން ކޭބަލް ޕްރޮޖެކްޓްތަކާއި، ރާއްޖޭގެ އެއް ކޮޅުން އަނެއް ކޮޅަށް އަޅާފައިވާ ސަބްމެރީން ކޭބަލްތައް ހިމެނެއެވެ.
މި މަޝްރޫޢުގެ ސަބަބުން މުޅި ރާއްޖޭގައި ޑިޖިޓަލް ގޮތުން އިތުރަށް ބާރުވެރި މުޖުތަމައުތަކެއް ބިނާވެ، އެ ފަރާތްތަކަށް ޑިޖިޓަލް މުސްތަގުބަލުގައި ކުރިއެރުމުގެ ފުރުސަތުތައް ފުޅާވެގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.
އަދި މިއީ ސަރުކާރުން ދިވެހިރާއްޖެ ”ސްމާޓް ނޭޝަން“ އެއްގެ ގޮތުގައި ގާއިމުކުރުމުގެ ތަސައްވުރު ހަގީގަތަކަށް ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައިވެސް ފާހަގަކޮށްފައިވެއެވެ.



