ސޯޝަލް ހައުސިންގެ ދަށުން ދޫކޮށްފައިވާ ފްލެޓުތައް އެއްބަސްވުމާ ހިލާފަށް އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމަކީ ސަރުކާރުން ގަބޫލުކުރާ ކަމަކަށް ނުވާތީ، އެ ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް 2 ގައި އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ތަޅުދަނޑި ދޫކުރަން ފެށިތާ އަދި ދެ ހަފުތާވީއިރު، ބައެއް ފްލެޓުތައް ބޮޑު އަގުގައި އެކި ފަރާތްތަކަށް ކުއްޔަށް ދޫކުރަން މިހާރުވެސް ވަނީ އިޝްތިހާރުކުރަން ފަށައިފައެވެ.
އެގޮތުން ތިން ކޮޓަރީގެ އެޕާޓްމަންޓެއް 25،000ރ. އަށް ކުއްޔަށް ދޫކުރަން ވެސް އިޝްތިހާރު ޖަހާފައިވެ އެވެ. އެތަނުގެ ކުލީގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައި ވަނީ 11،500ރ. އެވެ.
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވި ގޮތުގައި، ސަރުކާރުގެ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ ތެރެއިން ދޫކޮށްފައިވާ ތަންތަނަކީ ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއްކޮށް، ސަބްސިޑައިޒް ކުރެވިފައިވާ އަގުތަކެއްގައި ދޫކޮށްފައިވާ ތަންތަނެވެ.
އަދި އެތަންތަން ބޮޑެތި އަގުތަކުގައި ކުއްޔަށްދީ، އެތަންތަން ދެވުނު ފަރާތް ފިޔަވާ އެހެން ފަރާތްތަކުން ދިރިއުޅުމަށްވެސް އަދި އެހެން ބޭނުމަކަށްވެސް ބޭނުންކުރުމަކީ ސަރުކާރުން ޤަބޫލުކުރާ ކަމެއް ނޫންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންކަމުން އެއްބަސްވުންތަކާ ޚިލާފަށް ކުއްޔަށް ދީފައިވާ ތަންތަނާއި، އެތަންތަން ދެވިފައިވާ ފަރާތް ނޫން އެހެން ފަރާތެއް ދިރިއުޅޭ ތަންތަނުގެ އެއްބަސްވުންތައް ބާޠިލްކޮށް އެތަންތަން ދައުލަތަށް ނެގުމަށް ކުރަންޖެހޭ މަސައްކަތްކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެފްޑީސީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، ކުއްޔަށް ހިފާ ފަރާތުން ތިންވަނަ ފަރާތަކަށް ފްލެޓު ކުއްޔަށް ދިނުމަކީ މަނާކަމެކެވެ. އަދި މިފަދަ ޝަކުވާއެއް ލިބިއްޖެނަމަ، އެ މައްސަލަ ބަލައި ފިޔަވަޅު އެޅުމުގެ އިޚްތިޔާރު އެފްޑީސީއަށް ލިބިގެންވެއެވެ.



