އަންހެން ކުދިންނަށް ތަޢުލީމު ޙާޞިލުކޮށް، މުޖުތަމައަށް ޚިދުމަތް ކުރުމުގެ ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތްކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަހާ ގުޅުވައިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އެކަމަނާ، އަންހެން ކުދިންގެ ހިތްވަރާއި، ޤާބިލުކަމާއި އަދި އޯގާތެރިކަން ފާހަގަކުރައްވާފައިވެއެވެ.
އަދި މުޖުތަމައުގެ ތަރައްޤީއަށް އަންހެން ކުދިން ގެންނަ ބަދަލުތަކާއި، ދަތި އުނދަގޫ ވަގުތުތަކުގައިވެސް ސާބިތުކަމާއެކު ކުރިއަށްދާ ދިއުމަކީ އެ ކުދިންގެ ކެރުންތެރިކަން ދައްކުވައިދޭ ކަމެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.
ފަސްޓް ލޭޑީ އިތުރަށް ވިދާޅުވީ، އަންހެން ކުދިންގެ އަޑު އަހައި، އެ ކުދިންނަށް އިޙްތިރާމް ލިބޭނެ މާހައުލެއް ޤާއިމްކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
ބައިނަލްއަޤްވާމީ ގޮތުން އަންހެން ކުދިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު 11 ވަނަ ދުވަހުއެވެ.
މި ދުވަސް ފާހަގަކުރަން ފެށީ އަންހެން ކުދިންނަށް ދިމާވާ ގޮންޖެހުންތަކަށް ސަމާލުކަން ގެނައުމަށާއި، އެ ކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރުމަށެވެ.
މި އަހަރުގެ އަންހެން ކުދިންގެ ދުވަހުގެ ޝިއާރަކީ ”ދަ ގާލް އައި އޭމް، ދަ ޗައިލްޑް އައި ލީޑް: ގާލްސް އޮން ދި ފްރަންޓްލައިންސް އޮފް ކްރައިސިސް“ އެވެ.




