ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް ފޯނަކުން ފޮޓޯއެއް ލީކުވެފައިވާ ކަމަށް ދެކެވޭ ވާހަކަތައް ފުލުހުން ދޮގުކޮށްފި އެވެ.
ފުލުހުން މިހެން ބުނެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިންޒާރު ދީ އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެން، ސިޔާސީ އެކްޓިވިސްޓް އައިޝަތު ޝިމަންގެ ފޯނު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ހިފެހެއްޓުމަށްފަހު، ”ޝިމަންގެ ފޯނު“ ގެ ނަމުގައި އެކްސްގައި އެކައުންޓެއް ހަދައި އޭނާގެ ފޮޓޯއެއް އާންމުކުރުމާ ގުޅިގެންނެވެ.
މި މައްސަލައާ ގުޅޭގޮތުން ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ތަހުގީގުކުރާ މައްސަލަތަކާ ގުޅިގެން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދާ ހެކި، ޑިޖިޓަލް ވަސީލަތްތައް ހިމެނޭހެން ބަލަހައްޓަނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ހަރުދަނާ އުސޫލުތަކެއްގެ ދަށުން ކަމަށެވެ.
އަދި ހެކީގެ ގޮތުގައި ހިފެހެއްޓިފައިވާ ފޯނެއްގައި ހުރި ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ލީކުވެފައިވާކަމަށް ކުރާ ތުހުމަތަކީ އެއްވެސް ހަގީގަތެއް އެކުލެވިގެންނުވާ ދޮގު ތުހުމަތެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނީ، އެ އިދާރާއިން ތަހުގީގުތައް ކުރިއަށް ގެންދަނީ ޕްރޮފެޝަނަލް ކަމާއެކު ގާނޫނީ ހަމަތަކުގެ މަތިން ހެކީގެ ރައްކާތެރިކަން ކަށަވަރުކޮށްގެން ކަމަށާއި، އިންސާނީ ހައްގުތަކަށް އިހުތިރާމްކުރުމާއި ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓުމަކީ އަބަދުވެސް އެ އިދާރާއިން އިސްކަންދޭ ކަންކަން ކަމަށެވެ.



