ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އާ ޓާމިނަލް 1 އިން މެލޭޝިއާ އެއަރލައިންސްއަށް ޚިދުމަތް ދޭން ފަށައިފިއެވެ.
ވީއައިއޭގެ އައު ޓަރމިނަލް ހުޅުވާފައިވަނީ މިއަަހަރުގެ ޖުލައި 26 ގައެވެ.
މެލޭޝިއާ އެއަރލައިންސްއަށް ޓާމިނަލް އެކަކުން ޚިދުމަތްދޭން ފެށުން ފާހަގަކުރުމަށް އެއަރޕޯޓްގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މި ރަސްމިއްޔާތުގައި ފްލައިޓަށް ވޯޓަރ ސެލިއުޓެއް ދިނުމާއެކު، ފަސިންޖަރުންނަށް މަރުހަބާ ކިޔުމުގެ ގޮތުން ވަނީ ފިނިފެންމާވެސް ބަހާފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓާމިނަލް 1 އަކީ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ ޓާމިނަލެކެވެ. މި ޓާމިނަލުގެ ޑިޕާޗަރ ހޯލުގައި 47 ޗެކިން ކައުންޓަރާއި، އަމިއްލައަށް ޗެކިންކުރެވޭ 6 ސެލްފް ސަރވިސް ކިއޮސްކް ވަނީ ޤާއިމުކޮށްފައެވެ. އަދި މީގެއިތުރުން 12 އެއިރޯ ބްރިޖްވެސް ވަނީ މި ޓާމިނަލުގައި ބަހައްޓާފައެވެ.

އައު ޓާމިނަލް ހުޅުވުމާއެކު، ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކުގެ ޚިދުމަތްތައް އަންނަނީ މި ޓާމިނަލަށް ބަދަލުކުރަމުންނެވެ.
އެގޮތުން މިދިޔަ މަހު ބެއިޖިންގ ކެޕިޓަލް އެއަރލައިންސް އަދި އިންޑިގޯ އެއަރލައިނަށްވެސް ވަނީ މި ޓާމިނަލުން ޚިދުމަތްދޭން ފަށާފައެވެ.




