މީގެ ކުރީގެ ސްކީމްތަކުން ފްލެޓް ލިބިފައިވާ 976 ދެމަފިރިއަކަށް، ގެދޮރުވެރިޔާ ސްކީމުގެ 4000 ފްލެޓް މަޝްރޫޢުއިން ފްލެޓް ދޭން ހިމަނާފައިވާކަމަށް އިމާރާތްކުރުމާއި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މި 976 ދެމަފިރިންގެ ތެރެއިން 645 މީހުންނަކީ 76 މާކްސްއިން މަތިން ޕޮއިންޓް ލިބިގެން ފްލެޓް ލިބޭކަމަށް ކަނޑައަޅާފައިވާ ފަރާތްތަކެވެ. އަދި މިއީ ޤަބޫލުކުރެވޭނެ އުސޫލެއް ނޫންކަމަށާއި، މީގެ ސަބަބުން ވަރަށް ގިނަ އާއިލާތަކެއް ސްކީމުން މަހުރޫމުވެފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މި މައްސަލަ ހައްލުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަނާއެކު މަޝްވަރާކުރެވުނު ނަމަވެސް،ދެމަފިރިންނަށް ފްލެޓް ދިނުން މަނާކުރާ ޤާނޫނެއް ނުވަތަ އުސޫލެއް ނެތުމުގެ ސަބަބުން މިކަން ހުއްޓުވޭކަށް ނެތް ކަމަށެވެ.
އިޖުތިމާޢީ އިންސާފުގެ ނަޒަރަކުން ބަލާއިރު، ސަރުކާރުގެ އިޖުތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުއަކުން ދެމަފިރިއަކަށް ވަކިވަކިން ފްލެޓް ލިބުމަކީ، ޙައްޤުވެރި އެހެން އާއިލާތަކަށް ވެވޭ ބޭއިންސާފެއްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ ސްކީމަކުން ފްލެޓް ލިބެންވާނީ އެންމެ ޙައްޤުވެރި ފަރާތްތަކަށްކަމަށްވެސް ވިދާޅުވިއެވެ.
ސަރުކާރުން ރިވިއުކުރަމުންދަނީ، ނިމުނު ސަރުކާރުގައި 15 ނޮވެމްބަރުގެ 2023ގައި އެކުލަވާލާފައި އޮތް ގެދޮރުވެރިޔާ ސްކީމްގެ ލިސްޓެވެ. މި ލިސްޓުގައި ހިމެނޭ ދެމަފިރިންގެ ތެރެއިން، އެއް ދެމަފިރިއަކަށް މި ސްކީމުން ދެ ފްލެޓް ލިބޭކަމަށްވެސް މިނިސްޓަރު ބުނެފައިވެއެވެ.



