އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށް ޓަކައި ހުޅުދޫއާއި މީދޫއާއި ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގައި ހިމެނޭ ސުވާލުތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޤަރާރަކުން އިޞްލާޙު ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު މިއަދު ވަނީ ހުޅުދޫއާއި މީދޫ، އެއް ރަށު ކައުންސިލްގެ ދަށުން ހިންގުމަށްޓަކައި އެ ދެ ރަށުގައި އެއް ކައުންސިލް އުފައްދަން ފެނޭތޯ ބެލުމަށް އޮތް ސުވާލު އުނިކުރައްވާފައި ކަމަށެވެ.
އޭގެބަދަލުގައި އައްޑޫ ހުޅުދޫ، އައްޑޫ މީދޫ އަދި އައްޑޫ ފޭދޫގެ ނަމުގައި ކައުންސިލްތައް އުފައްދަން ފެނޭތޯ ވޯޓުގައި ހިމެނުމަށް ރައީސް ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ޤަރާރުގައިވާ ގޮތުގެ މަތީން އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ނަމުގައި ކައުންސިލްތައް އުފައްދަން ތިރީގައިވާ ސުވާލުތައް ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހެޅުމަށް ވަނީ ނިންމަވައިފައެވެ.
- އައްޑުއަތޮޅު ހުޅުދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު
1. އައްޑުއަތޮޅު ހުޅުދޫއަށް ޚާއްޞަކުރެވިގެން، އައްޑުއަތޮޅު ހުޅުދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟
- އައްޑުއަތޮޅު މީދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު
1. އައްޑުއަތޮޅު މީދޫއަށް ޚާއްޞަކުރެވިގެން، އައްޑުއަތޮޅު މީދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟
- އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު
1. އައްޑުއަތޮޅު ފޭދޫއަށް ޚާއްޞަކުރެވިގެން، އައްޑުއަތޮޅު ފޭދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟
ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައިވާ ސުވާލުތަކަށް ބަދަލު ގެންނެވި ނަމަވެސް ވޯޓުލާ ދުވަހަކަށް ބަދަލެއް ނާންނެއެވެ. އައްޑޫ ސިޓީ ކައުންސިލް އުފެދިފައިވާގޮތާ ގުޅޭގޮތުން އެ އަތޮޅުގެ ހުޅުދޫއާއި މީދޫއާއި ފޭދޫގެ ރައްޔިތުންގެ މެދުގައި އާންމު ވޯޓު ނެގުން ކުރިއަށްދާނީ މި މަހުގެ 25ވަނަ ދުވަހު ހެނދުނު 8:00ން ހަވީރު 4:00 އަށެވެ.
ވޯޓުގެ ނަތީޖާ 26ވަނަ ދުވަހު އިއުލާންކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.



