މާލޭގައި ހުންނަ ނަން މަޝްހޫރު ”ބޯޅަޖެހި ސްޓޯރަކީ“ ހަމަޔަގީނުން ވެސް ގިނަ މީހުންނަށް އައު ނަމަކަށް ނުވާނެއެވެ.
ތަފާތު އެކި ވައްތަރުގެ ފޮއްޗާއި ރޭނދާ، އަދި ހެދުން ފަހަން ބޭނުންކުރާ އެނޫންވެސް އެތައް ސާމާނު އެއްތަނަކުން ލިބެންހުރި ފިހާރައަކީ ބޯޅަޖެހި ސްޓޯރެވެ. އެތަނުގައި ލިބެން ހުންނަ ޓީޝާޓް ފޮތި، މާލޭގެ އެހެން އެއްވެސް ފޮތި ފިހާރައަކުން ލިބެން ނުހުންނަކަން ވެސް ފާހަގަ ކުރެވެއެވެ. އެ ފިހާރައަކީ އެތައް ބަޔަކަށް ވަރަށް ކަމުދާ ފިހާރައެއްކަން އެނގެނީ، ފިހާރަ ތޮއްޖެހޭވަރަށް ވެސް ބައެއްފަހަރު އެތަނަށް ކަސްޓަމަރުން ވިޔަފާރިކުރަން ދާތަން ފެންނާތީއެވެ.
ނަމަވެސް މިއަދަކީ އެ ކަސްޓަމަރުންނަށް ހިތާމަވެރި ދުވަހެކެވެ. ހިދުމަތުގައި 50 އަށްވުރެ ގިނަ އަހަރު ދެމިހުރުމަށްފަހު، މިއަދު އެ ފިހާރަ އެއްކޮށް ބަންދު ކުރަން ނިންމައި، މިހާރު އެ މަސައްކަތް ވަނީ ފަށާފައެވެ.

”ސައުވީސް“ އަށް ދިން ޚާއްސަ އިންޓަވިއުއެއްގައި ބޯޅަޖެހި ސްޓޯރުގެ ވެރިޔާ ޚަދީޖާ އިސްމާއިލް (ޚައްޖަ) ބުނީ، 50 އަށްވުރެ ގިނަ އަހަރު މި ވިޔަފާރި ކުރިއަށް ގެންދިޔުމަށްފަހު، އަމިއްލަ ސަބަބުތަކަކާ ގުޅިގެން މިއަދު މި ވިޔަފާރި ބަންދު ކުރަން ޖެހުމުން އޭނާވެސް ވަރަށް ބޮޑަށް މާޔޫސްވެފައި ހުރި ކަމަށެވެ.
ނަމަވެސް މިވަގުތު އެ ފިހާރައިގައި ހުސްކުރާ ސޭލް ކުރިއަށްދާ ކަމަށާއި ފިހާރައިގައި ހުރި މުދަލާއެކީ ވެސް އެއްވެސް ފަރާތަކުން އެތަން ގަންނަން ބޭނުންނަމަ އެ ފުރުސަތުވެސް އޮތް ކަމަށެވެ.

”ފިހާރައިގައި ހުންނާނެ 4 ނުވަތަ 5 މިލިއަން ރުފިޔާގެ މުދާ. ހުރިހާ މުދަލާއެކީ (ފޮއްޗާއި، އެނޫންވެސް ސާމާނާއި އަދި ސިސްޓަމްތަކާވެސް އެކީގައި) ގަންނަން ބޭނުންވާ ފަރާތަކަށް އެގޮތަށް ވެސް ވިއްކާލަން މިހާރު ނިންމާފަ ވަނީ“ ޚައްޖަ ބުންޏެވެ.

ޚައްޖަ ބުނި ގޮތުގައި ބޯޅަޖެހި ސްޓޯރަކީ އޭނާގެ މައިންބަފައިން ފެށި ވިޔަފާރިއެކެވެ. އެ ވިޔަފާރީގައި ބައިވެރިވީ އޭނާ އެކަންޏެވެ. އެހެންކަމުން އެ ވިޔަފާރި ބަންދު ކުރަން ޖެހުމަކީ އޭނާއަށް ނަފްސާނީ ގޮތުން ވެސް ވަރަށް އަސަރު ކޮށްފައިވާ ހިތްދަތި ބޮޑު ކަމެކެވެ.

”އުމުރު މި ހުސްވަނީ މި ވިޔަފާރީގަ އުޅޭތާ. އެކަމަކު މިއަދު މި ވިޔަފާރި ބަންދު ކުރަން ޖެހިފަ މިހުރީ. އެކަމާ ނަފްސާނީ ގޮތުން ވެސް ވަރަށް އަސަރުކޮށް، ހިތްދަތި ވެއްޖެ. އެހެންވެ މިހާރު ބޭނުންވަނީ ވިޔަފާރި ބަންދުކޮށްފަ، މިތަނުން ވެސް ދުވަސް ކޮޅަކަށް ދާން.“ ޚައްޖަ ބުންޏެވެ.
ނަމަވެސް މިއާއެކު ޚައްޖަ އިތުރު އުންމީދެއްވެސް ދިނެވެ. އޭނާ ބުނިގޮތުގައި މީގެ އަހަރެއްވަރު ފަހުން، އަލުން ބޯޅަޖެހި ސްޓޯރު އެހެންތަނެއްގައި ހުޅުވުމަށް އޭނާ އުންމީދު ކުރެއެވެ. އަދި އެކަމަށް ގަދައަޅާ މަސައްކަތް ކުރާނެ ކަމަށް ވެސް ޚައްޖަ ބުންޏެވެ.



