ދެކުނު އޭޝިއާ ސަރަޙައްދުގައި ބޭހަށް ނުގުޑާ ޓައިފޮއިޑް ހުމުގެ ބާވަތެއް ފެތުރެމުން ދިޔުމާ ގުޅިގެން، އެ ބައްޔާ ދެކޮޅަށް ވެކްސިން ދިނުމުގެ ޤައުމީ ކެމްޕޭނެއް ބަންގްލަދޭޝްގައި ފަށައިފިއެވެ.
މި ކެމްޕޭނުގެ ދަށުން ނުވަ މަހާއި 15 އަހަރާ ދެމެދުގެ އުމުރުފުރައިގެ ގާތްގަނޑަކަށް 50 މިލިއަން ކުދިންނަށް ޓައިފޮއިޑް ކޮންޖުގޭޓް ވެކްސިން (ޓީސީވީ)ގެ އެއް ޑޯޒް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ހުއްދަ ދީފައިވާ މި ވެކްސިނަކީ ފަސް އަހަރާ ހަމައަށް ޓައިފޮއިޑް ބަލިން ރައްކާތެރިކަން ފޯރުކޮށްދޭ ވެކްސިނެކެވެ.
ބަންގްލަދޭޝްގެ ސަރުކާރުން މި ވެކްސިން ދޭނީ ހިލޭކަމަށް ވަނީ އިޢުލާނުކޮށްފައެވެ.
ބަންގްލަދޭޝްގެ ސިއްޙީ ޚިދުމަތްތެރިން ކުދިންނަށް ވެކްސިން ދެމުންދަނީ ސްކޫލްތަކާއި ކްލިނިކްތަކާއި ދޮރުން ދޮރަށް ޒިޔާރަތްކޮށް، ފަގީރުންގެ އާބާދީ އިތުރު އަދި ދުރު ހިސާބުތަކަށް ޚާއްސަ ސަމާލުކަމެއް ދީގެންނެވެ.
މި ކެމްޕޭނު ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާއިރު، އޭގެ ފަހުން ޓީސީވީ ބަންގްލަދޭޝްގެ އިމިއުނައިޒޭޝަން ޝެޑިއުލްގައި ހިމަނާނެއެވެ.
ސަލްމޮނެލާ ޓައިފީ ބެކްޓީރިއާ އިން ޖެހޭ ޓައިފޮއިޑް ހުމަކީ، ތަޣައްޔަރުވެފައިވާ ކާނާ އާއި ފެނުގެ ތެރެއިން ފެތުރޭ ބައްޔެކެވެ. ފުރާނައަށް ނުރައްކާވާ މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި، ހުން އައުމާއި، ބޯއެނބުރުމާއި، ބަނޑުގައި ރިއްސުމާއި، މޭމަތީގައި ފިޔާތޮށި ކުލައިގެ ލައްތަކެއް ޖެހުން ހިމެނެއެވެ.



