އެމްޑަބްލިޔުއެސްސީ އިން ށ.ގޮއިދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާގެނިޒާމް ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމައި އިފްތިތާޙްކޮށްފިއެވެ.
ށ.ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމް އިފްތިތާޙް ކޮށްދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މިރަސްމިއްޔާތުގައި މިކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުލް މަތީން މުޙައްމަދު އާއި ދައުލަތުގެ ވަޒީރުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.

އެމްޑަބްލިޔުއެސްސީ ބުނިގޮތުގައި، މިމަޝްރޫޢުގެ ދަށުން، ގޮއިދޫގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ ޤާއިމްކޮށް، ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯރކް އާއި، ސީ އައުޓް ފޯލް އަދި ރިޖެކްޓް ލައިންވެސް ވަނީ އަޅާފައެވެ. މީގެ އިތުރުން، ފެންރައްކައު ކުރުމަށް ތާންގި ބަހައްޓައި، ބޯހޯލް ތޮރުފައި، ނަރުދަމާގެ ޕަންޕިންގ ސްޓޭޝަންތައް ވެސް ވަނީ ޤާއިމްކޮށްފައެވެ.
އަދި ގޭގެގައި ޖަންކްޝަން ބަހައްޓައި، ފެނާއި ނަރުދަމާ ގެ ކަނެކްޝަން ވަނީ ގުޅައިދީފައެވެ. އަދި ހަމަ މިއާއި އެކު، ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް މި މަޝްރޫޢުގެ ދަށުން ވަނީ ފޯރުކޮށްދެވިފައެވެ.
ށ.ގޮއިދޫގެ ފެނާއި ނަރުދަމާ މަޝްރޫޢަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން،ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޑަބްލިޔުއެސްސީ އާއިހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫޢުއެކެވެ. މިމަޝްރޫޢުގެ ޖުމްލަ އަގަކީ 89.05މިލިއަން ދިވެހި ރުފިޔާއެވެ.
މިމަޝްރޫޢުގެ ސަބަބުން ގޮއިދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެކަމަށް އެމްޑަބްލިޔުއެސްސީއިން ބުނެފައިވެއެވެ.




