އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި މާދަމާ ރަސްމީ ދަނޑުގައި ރާއްޖެ އާއި ދެކޮޅަށް ކުޅޭ މެޗަކީ ފަސޭހަ މެޗަކަށް ނުވާނެ ކަމަށް ތަޖިކިސްތާނުގެ ކޯޗު ގޯރާން ސްޓެވަންކޮވިޗް ބުނެފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ހުންނަ ކެރަމް ހޯލުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކޯޗު ބުނީ ރާއްޖެއަކީ އާދައިގެ ޓީމެއްގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށާއި، ހުރިހާ ކުޅުންތެރިންނަށްވެސް ހުޝިޔާރުވެ ތިބުމަށް އިރުޝާދު ދީފައިވާނެ ކަމަށެވެ.
ތަޖިކިސްތާނުގެ ކޯޗު ފާހަގަކުރި ގޮތުގައި މާދަމާގެ މެޗުގައި ރާއްޖެއިން ކުޅޭނީ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކަމަށްވުމުން އިތުރު ހިތްވަރަކާއެކުގައެވެ.
”ތަޖިކިސްތާނުގައި ކުޅުނު މެޗަށްފަހު ދެ ޓީމުވެސް މިހާރު މިވަނީ އެއްބަޔަކު އަނެއްބަޔަކަށް ފަރިތަވެފަ. ކުރީ މެޗަށްވުރެ މިމެޗު އުނދަގުވާނެކަމަށް ލަފާކުރެވެނީ. މިފަހަރު މި ނުކުންނަނީ ރާއްޖޭގެ ސަޕޯޓަރުންގެ ކުރިމައްޗަށް،“ ތަޖިކިސްތާނުގެ ކޯޗު ބުންޏެވެ.
ތަޖިކިސްތާނުގެ ކޯޗު އިތުރަށް ފާހަގަކުރި ގޮތުގައި ގިނަ ދުވަސްތަކަކަށްފަހު ރާއްޖޭގެ ޓީމުން ސަޕޯޓަރުންގެ ކުރިމައްޗަށް ނިކުންނަން ޖެހުމުން ރާއްޖޭގެ ކުޅުންތެރިން ތިބޭނީ ވަރަށް ބޮޑު ޖޯޝެއްގައެވެ. އެހެންކަމުން ތަޖިކިސްތާނުގެ ފޯކަސް މި މެޗުގައި ގެއްލުނަ ދީގެން ނުވާނެ ކަމަށް ކޯޗު ވަނީ ބުނެފައެވެ.
މާދަމާގެ މެޗުގައި ތަޖިކިސްތާނުގެ މުހިންމު ފޯވާޑް ޝަހްރޮމް ޝަމިއޭވްއަށް ދެ ރީނދޫ ކާޑު ހަމަވެގެން ސަސްޕެންޝަނުގައި ހުރުމުން މެޗުގައި ނުކުޅެވޭނެއެވެ. ތަޖިކިސްތާނު ޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދައިދެމުން އަންނަ މި ޒުވާން ފޯވާޑް މިހާތަނަށް ވަނީ ގައުމީ ޓީމަށް 39 މެޗު ކުޅެ، 9 ގޯލު ޖަހާދީފައެވެ.
އޭގެ ތެރޭގައި ތަޖިކިސްތާނުގައި ރާއްޖެ އާއި ދެކޮޅަށް ކުޅުނު މެޗުގައި ޖެހި ލަނޑުވެސް ހިމެނެއެވެ.




