އޭޝިއަން ކަޕް ކޮލިފައިންގައި މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މެޗުން ދިވެހި ގައުމީ ފުޓްބޯޅަ ޓީމު ތަޖިކިސްތާން އަތުން 3-0 ގެ ނަތީޖާއަކުން ބަލިވެއްޖެއެވެ.
މި މެޗުން ބަލިވެ، ބާކީ ދެ މެޗު އޮއްވައި މުބާރާތަށް ކޮލިފައިވުމުގެ ފުރުސަތު ދިވެހި ޓީމަށް ވަނީ ގެއްލިފައެވެ.
މިއީ 2023 ވަނަ އަހަރުގެ އޮކްޓޫބަރުމަހު ބަންގްލަދޭޝާއި އެއްވަރުވި މެޗަށްފަހު، އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ދިވެހި ގައުމީ ޓީމު ކުޅުނު ފުރަތަމަ މެޗެވެ.
އެފްއޭއެމްއިން މެޗު ޕްރޮމޯޓްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، އާންމުކޮށް ގައުމީ ޓީމުގެ މެޗުތަކަށް ސަޕޯޓަރުން އަންނަ މިންވަރާ އަޅާބަލާއިރު މި މެޗަށް ސަޕޯޓަރުން ވަދެފައިވަނީ ވަރަށް މަދުންނެވެ.
މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ތަޖިކިސްތާނަށް ލިބުނު ޕެނަލްޓީއެއްގައި ސަފަރޯވް މަނޫޝެއިރު ވަނީ އެ ޓީމަށް ލީޑު ހޯދައިދީފައެވެ. އަދި 34 ވަނަ މިނެޓުގައި މަބަޓްޝައޭވް ޝެރްވޯނީ ވަނީ ތަޖިކިސްތާނުގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.
ދެވަނަ ހާފުގައި ދިވެހި ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ގިނަ ފުރުސަތުތަކެއް ހޯދި ނަމަވެސް، އޭގެ ބޭނުން ހިފުމަށް ދިވެހި ޓީމަށް ނުކުޅެދުނެވެ. މެޗުގެ 78 ވަނަ މިނެޓުގައި މަބަޓްޝައޭވް ވަނީ ތަޖިކިސްތާނުގެ ތިންވަނަ ލަނޑު ޖަހައި، މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފައެވެ.
މި ނަތީޖާއާއެކު ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހޯދައި ތަޖިކިސްތާނު ވަނީ ގްރޫޕްގެ އެއްވަނައަށް އަރާފައެވެ. އެހެންނަމަވެސް ދިވެހިރާއްޖެ މިވަގުތު އޮތީ ކުޅުނު ހަތަރު މެޗުންވެސް ބަލިވެ، ޕޮއިންޓެއް ނުލިބި ގްރޫޕްގެ އެންމެ ފުލުގައެވެ.
ދިވެހިރާއްޖޭގެ ޓީމުން ދެން ކުޅޭނީ އަންނަ މަހުގެ 18 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ފިލިޕީންސްއާ ދެކޮޅަށެވެ.



